ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
ތުއްތު ކުދިންނަށް ގާތުންދޭ މައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަކީ ހަމައެކަނި މައިންގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ އާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ގާތުންދިނުމުގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓްލޭޑީ ވިދާޅުވީ، ދަރިފުޅަށް ގާތުންދޭ ކޮންމެ ފަހަރަކީ މައިންގެ ލޯތްބާއި ކެތްތެރިކަމުގެ ނަމޫނާއެއް ކަމަށެވެ. އަދި މިކަމުގައި މައިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި ގާތުންދިނުމަކީ ހަމައެކަނި ކާނާ ފޯރުކޮށްދިނުމެއް ނޫނެވެ. އެއީ ތުއްތު ކުއްޖާ ބަލިމަޑުކަމުން ރައްކާތެރިކޮށްދޭ ފުރަތަމަ އައްޑަނަ ކަމަށާއި، އޭގެ ސަބަބުން ކުއްޖާގެ ދިފާޢީ ނިޒާމު ވަރުގަދަވެ، ނަފްސާނީ ދުޅަހެޔޮކަމާއި މުޅި އުމުރަށް ބޭނުންވާ ސިއްހީ ބިންގާ އެޅިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސަރުކާރުން މިދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން އެކަމަނާ ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްކުރާ މައިންނަށް މުސާރަ ލިބޭ ގޮތަށް ގާތުންދޭ ވަގުތު ދެ އަހަރަށް އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި ވިހެއުމާ ގުޅިގެންދޭ ޗުއްޓީ ކަށަވަރުކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތުއްތު ކުދިންގެ ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

"ކުއްޖާގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއާއި ގާތުންދިނުމަށް ލިބޭ ވަގުތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ ނުހަނު މުހިންމު ކަމެއް،" މެޑަމްގެ މެސެޖުގައި ވިދާޅުވިއެވެ:

މިއަހަރުގެ ގާތުންދިނުމުގެ ހަފްތާގެ ޝިއާރަކީ "ދެމެހެއްޓެނިވި ފެށުމަކަށް ގާތުންދިނުން: ނަތީޖާ ނެރެދޭ ކަންކަން އިތުރަށް ވަރުގަދަކުރަމާ" މިއެވެ. ފަސްޓްލޭޑީ ވަނީ މި ޝިއާރާ އެއްގޮތަށް، މައިންނަށް ބޭނުންވާ އެހީތެރިކަން އިތުރުކޮށް، ގާތުންދިނުމުގެ އާދަ އަށަގަންނުވުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރުމަށް އަޒުމް އާކުރުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު