އަސާސީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުން
އަސާސީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލުން
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކުރި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 2.56 އިންސައްތައަށް އުފުލިފައެވެ. އަދި މެއި މަހާ އަޅާބަލާއިރު އެކަނިވެސް ތަކެތީގެ އަގުތަކަށް 0.26 އިންސައްތައިގެ އިތުރުވުމެއް އައިސްފައިވާކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ މަހު ތަކެތީގެ އަގުތައް އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ ކާބޯތަކެތީގެ ބައިންނެވެ. އެގޮތުން ކާބޯތަކެތީގެ އަގުތައް ޖުމްލަކޮށް 1.90 އިންސައްތަ އުފުލިފައިވާއިރު، މީގެ ތެރެއިންވެސް ތަރުކާރީގެ ބާވަތްތަކުގެ އަގު ވަނީ 18.87 އިންސައްތައިގެ ބޮޑު މިންވަރަކަށް މައްޗަށް ގޮސްފައެވެ. މީގެ އިތުރުން ކިރާއި ޑެއިރީ އުފެއްދުންތަކުގެ އިތުރުން ބިހުގެ އަގު 1.72 އިންސައްތަ އުފުލިފައިވާއިރު، ސައިފަތާއި ކޮފީގެ އަގުތަކަށް ވަނީ 1.27 އިންސައްތައިގެ އިތުރުވުމެއް އައިސްފައެވެ.

އެކި ބާވަތްތަކުގެ އަގުތައް އުފުލުނު ނަމަވެސް، ދަތުރުފަތުރުގެ ދާއިރާއިން ވަނީ އަގުތަކަށް ހެޔޮ ބަދަލެއް އައިސްފައެވެ. އެގޮތުން ދަތުރުފަތުރުގެ އަގުތައް 1.47 އިންސައްތަ ދަށްވެފައިވާއިރު، މީގެ ތެރޭގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ އަގު 10.62 އިންސައްތަ އަދި ޕެޓްރޯލްގެ އަގު 5.22 އިންސައްތަ ދަށްވުން ހިމެނެއެވެ. މީގެ އިތުރުން ކަރަންޓު ބިލްތަކުން 3.64 އިންސައްތަ އަދި މޭވާގެ ބާވަތްތަކުން 2.44 އިންސައްތައިގެ ދަށްވުމެއް ވަނީ ފާހަގަކުރެވިފައެވެ.

އިންފްލޭޝަންގެ މިންވަރަށް ބަލާއިރު މާލެއާއި އަތޮޅުތެރޭގެ އަގުތަކުގެ މެދުގައި ފަރަގުތަކެއް ހުރިކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. މަހުން މަހަށް ބަލާއިރު މާލޭގެ އިންފްލޭޝަން ރޭޓް 0.19 އިންސައްތައިގައި ހުރިއިރު، އަތޮޅުތެރޭގެ އިންފްލޭޝަން ވަނީ 0.35 އިންސައްތައަށް އުފުލިފައެވެ. އަދި ނިމިދިޔަ އަހަރުގެ ޖޫން މަހާ އަޅާކިޔާއިރު، މާލޭގެ އިންފްލޭޝަން 1.93 އިންސައްތައިގައި ހުރިއިރު އަތޮޅުތެރޭގެ އިންފްލޭޝަން ހުރީ 3.49 އިންސައްތައިގައެވެ.



ކިޔުންތެރިންގެ ހިޔާލު