ފޮޓޯ: ޒަކާތު ހައުސް
ފޮޓޯ: ޒަކާތު ހައުސް
މިއަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްގެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 21،298،021.15 ރުފިޔާ ލިބިފައިވާއިރު، މިއީ 2025ވަނަ އަހަރުގެ ޖޫން މަހު ލިބުނު 10،644،218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.

ޒަކާތު ހައުސް އިން ބުނީ، މިއަހަރުގެ ދެވަނަ ކުއާޓަރުގައި (އެޕްރީލުން ޖޫންއަށް) މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28.73 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، 2026ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.73 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 61.58 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29.48 އިންސައްތައިގެ ކުރިއެރުމެކެވެ.

ޖޫން މަހުގެ ތެރޭގައި މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ޒަކާތުގެ ބެހެނިވެރީންގެ އެކި ދާއިރާތަކަށް ޖުމުލަ 18،824،537.13 ރުފިޔާ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމުލަ 16،995،735.75 ރުފިޔާ ހޭދަކޮށްފައިވެއެވެ.



ހަމައެއާއެކު ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހަރަދުތަކަށް ހޭދަކުރާ "ޢާމިލުން" ގެ ގިންތިން 256،679.35 ރުފިޔާ ހޭދަކުރިއިރު، "ފީސަބީލިﷲ" ގިންތީގެ ދަށުން 1،487،122.03 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މީގެ އިތުރުން، ދަތުރުމަތީގައި ހާލުގައިޖެހޭ މީހުންނަށް އެހީވުމުގެ ގޮތުން "އިބްނުއްސަބީލް" ގިންތިން 85،000 ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު