މިނިސްޓަރު މުއްތަލިބު މަޖިލީހުގެ ޖަލްސާއެއްގައި-
މިނިސްޓަރު މުއްތަލިބު މަޖިލީހުގެ ޖަލްސާއެއްގައި-
ބ. ކިހާދޫ އާއި އެ އަތޮޅު ކުޑަރިކިލުގައި ގާއިމުކުރަމުންދާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.

މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބެވެ. މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވަނީ މި ދެ ރަށުގެ މަޝްރޫއު ނިމި، ރައްޔިތުންނަށް ހިދުމަތް ލިބޭނީ ކޮން ތާރީޚެއްގައިތޯ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

މިނިސްޓަރު މުއްޠަލިބް ވިދާޅުވީ، މި ދެ މަޝްރޫއަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދަން އުޅުނު މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް، ފެނަކައިން އެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންގޮސް ހުއްޓިފައި އޮތުމުން، މިހާރު އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، މަސައްކަތް ކުރިއަށްގެންދިއުމަށް އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކިހާދޫގެ މަސައްކަތް ފެނަކައާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 40 މިލިއަން ރުފިޔާއަށް ކަމަށެވެ. އެހެންނަމަވެސް، މަސައްކަތުގެ އެންމެ 16 އިންސައްތަ ނިންމުމަށްފަހު މަސައްކަތް އޮތީ ހުއްޓިފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ފެނަކައާ ހަވާލުކުރި އަގަށްވުރެ ބޮޑު އަގެއްގައި އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުން، އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފެނަކައިން އޭރު ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން، ފެނަކައަކީ މިފަދަ އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ ހުރި ކުންފުންޏެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މުޅި މަޝްރޫއު އެއްކޮށް ސަބް-ކޮންޓްރެކްޓް ކުރުމަކީ މާލިއްޔަތު ގަވާއިދާ ހިލާފު ކަމެއް ކަމަށާއި، ފެނަކައިން މަސައްކަތް ހަވާލުކުރި ކުންފުނިތަކަކީވެސް ތަޖުރިބާނެތް ކުންފުނިތަކެއްކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

"މިހާރު ކުރިއަށްދަނީ އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކުގެ މަސައްކަތްތައް. އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިއަށްދާ މަސައްކަތުގެ 10 އިންސައްތަ މިހާރު ވަނީ ނިމިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މުއްޠަލިބް އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ފުރިހަމައަށް ގާއިމުކޮށް ނިންމެވުން ކަމަށެވެ. އެގޮތުން ކިހާދޫ އާއި ކުޑަރިކިލުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް އަންނަ އަހަރުގެ އޮކްޓޫބަރަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު