ރައީސްގެ ދެކަނބަލުންނަށް އުކުޅަހުން ހޫނު މަރުހަބާއެއް، ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެކަނބަލުންނަށް އުކުޅަހުން ހޫނު މަރުހަބާއެއް، ފޮޓޯ: ރައީސް އޮފީސް
ކުދި ޖަޒީރާ ގައުމުތައް ނުވަތަ 'ސިޑްސް' އަށް ނިސްބަތްވާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަންދޫބުން ބައިވެރިވާ ބައިނަލްއަގުވާމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު އއ. އުކުޅަހަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން އެ ރަށުގެ ބަނދަރު ސަރަހައްދުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި މަހާސިންތާގެ ބައިވެރިން ވަނީ ބަނދަރުމައްޗަށް އެއްވެ، ރައީސްގެ ދެކަނބަލުންނަށް އިސްތިޤްބާލު ކޮށްފައެވެ.

އުކުޅަހުގައި އިއްޔެ ފެށިގެން ކުރިއަށްދާ މި މަހާސިންތާއަކީ އދ. ގެ އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތަކާ ބެހޭ ޖަމިއްޔާ (ޔޫ.އެން.ޑީ.އީ.އެސް.އޭ) އާއި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް" ގެ ނަމުގައި ކުރިއަށްދާ މި މަހާސިންތާގެ ތެރެއިން މިއަދު ބާއްވާ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހާސިންތާގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް ބެލުމުގައި، ކުދި ޖަޒީރާ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ ފަންނީ ގާބިލުކަން އިތުރުކުރުމެވެ. މީގެ އިތުރުން އޮޑިޓްތައް މެދުވެރިކޮށް ސަރުކާރުތަކުގެ ޒިންމާދާރުކަން އިތުރުކުރެވޭނެ ގޮތްތަކާ މެދު މި މަހާސިންތާގައި މަޝްވަރާކުރެވޭނެއެވެ.

މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޮޑިޓް އޮފީސްތަކުގައި މަސައްކަތް ކުރައްވާ 80 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް