ލ. އަތޮޅުން ފުރައިގެން ހުވަދޫ އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށް ދިޔަ ހާދިސާއެއްގައި، އެ އުޅަނދު ސަލާމަތްކުރުމަށް ހަރަކާތްތެރިވި ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ދޯނި އަޑިއަށް ދާން މެދުވެރިވީ، ބޮޑެތި ރާޅުތައް އަރައި ދޯނި ތެރެއަށް އިންތިހާއަށް ފެން ވަނުމުގެ ސަބަބުން ކަމަށެވެ. މި ހާދިސާ ހިނގި ވަގުތު ދޯނީގައި ޖުމްލަ 8 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 7 މީހަކު ސަލާމަތްކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ދޯނި އަޑިއަށްދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އުޅުނު ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވަނީ އެހީތެރިކަން ފޯރުކޮށްދީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށެވެ.

ގެއްލުނު ތިން މީހުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ކަނޑާއި ވައިގެ މަގުން މެދުކެނޑުމެއް ނެތް ގޮތެއްގައި މިހާރު ދަނީ ހިންގަމުންނެވެ. މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު