ފޮޓޯ: އެމްޕީއެލް
ފޮޓޯ: އެމްޕީއެލް
މާލޭ އާ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަށް ތިލަފުށީ ފަޅު ތައްޔާރު ކުރުމުގެ ގޮތުން، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން އަންގައިފިއެވެ.

އެޗްޑީސީން ބުނީ، މިއީ ސަރުކާރުން މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ގެންގުޅޭ އަމާޒަށް ވާސިލުވުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި އެންގުމުގެ ދަށުން ހުސްކުރަން ޖެހެނީ ތިލަފުށީގެ މެދު ފަޅުގެ ހުޅަނގު ބައިގައި ހުރި އުޅަނދުތަކެވެ. މީގެ ތެރޭގައި ފަޅުތެރޭގައި ބޭއްވިފައިވާ އުޅަނދުތަކުގެ އިތުރުން، އެކި ސަބަބުތަކާ ހުރެ އަޑިއަށް ގޮސްފައިވާ ތަކެތި ވެސް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗުޑީސީން ވަނީ މި ތަކެތި ނަގައި ފަޅު ހުސްކުރުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ، އެ ކޯޕަރޭޝަނުގެ އުސޫލުތަކުގެ ދަށުން އެ ތަކެއްޗާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. ރައީސް މުއިއްޒުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ނިޔަލަށް ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމައި، ވިޔަފާރި ބަނދަރުގެ ހުރިހާ ޚިދުމަތްތަކެއް ތިލަފުއްޓަށް ބަދަލު ކުރުމެވެ.

ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި މަޝްރޫއު ނިމުމުން މާލޭގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި ވިޔަފާރި މުދާ އުފުލުމާއި ގުދަންކުރުމުގެ ނިޒާމަށް ބޮޑެތި ލުއިތަކެއް ލިބި، ރާއްޖޭގެ އިގްތިސާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު