ފްރެންޑް 4 ދޯނިން ގެއްލުނު މީހުން-
ފްރެންޑް 4 ދޯނިން ގެއްލުނު މީހުން-
"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި، ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލައިފި ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ، ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރު ކުރަމުން ދިޔަ "ފްރެންޑް 4" ދޯނި އަޑިއަށް ދިއުމާ ގުޅިގެންނެވެ. އެމްއެންޑީއެފުން ބުނީ، ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ޖުމްލަ އަށް މީހުން ތިބި ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ސަލާމަތް ކޮށްފައެވެ.

ނަމަވެސް، ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށް، ދޯނި ކުއްލިއަކަށް އަޑިއަށް ގޮސް ތިން މީހަކު ވަނީ ގެއްލިފައެވެ. ގެއްލިފައިވަނީ މި ހާދިސާގައި އެހީތެރިވުމަށް ހަރަކާތްތެރިވި ފުލުހެއް ކަމަށްވާ ނ. މަނަދުއަށް ނިސްބަތްވާ ސާޖަންޓް އަލީ ނާފިއުއާއި، ސިފައިންގެ މީހެއް ކަމަށްވާ އިބްރާހިމް އަހުމަދުގެ އިތުރުން ދޯނީގެ ކައްޕި ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫނެވެ.

ގެއްލުނު ސާޖަންޓް ނާފިއުގެ ދެ ދަރިން ތިބިއިރު، އިބްރާހިމް އަހުމަދުގެ ތިން ދަރިން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މި މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން މެދުކެނޑުމެއްނެތި ބޮޑު ސަރަހައްދެއް ބަލަމުންދާ ކަމަށެވެ. އެގޮތުން އިއްޔެ ކުރި މަސައްކަތުގައި، މޯލްޑިވިިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވައިގެ މަގުން ވަނީ ބަލާފައެވެ.

މީގެ އިތުރުން، ކަނޑުމަގުން ވެސް ވަނީ 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަސެޕްޓަ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސްގެ އިތުރުން ފުލުހުންގެ ލޯންޗުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.

ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ވަރުގަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ތިން މީހުންގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ހިތާމައާއެކު ފާހަގަކުރެއެވެ. އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު