ކުޅުދުއްފުށިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުން، ފޮޓޯ: ފުލުހުން
ކުޅުދުއްފުށިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުން، ފޮޓޯ: ފުލުހުން
ކުޅުދުއްފުށި ސިޓީގައި ފުލުހުން ހިންގި ބޮޑު ދެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަންތަކަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން، އެ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ.

މި މަހުގެ 6 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލް ސަރަހައްދަށެވެ. އެ ސަރަހައްދުން ހުއްޓުވައި ބަލައިފާސްކުރި ދެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 27 ސެލޯފިންކޮޅު ފެނިފައިވެއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތީގެ ބަރުދަނުގައި 7.59 ގުރާމް ހުއްޓެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ކަރަންފޫގެ، މުޙައްމަދު އުމީން (19އ) އާއި ހދ. ކުމުންދޫ، ފަހިވާ، ޢާއިޝަތު ޢަލީ (30އ) އެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ހިންގި ދެވަނަ އޮޕަރޭޝަންގައި ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ހދ. ކުޅުދުއްފުށި، އުރަހަ، ޙުސައިން ނަޢީމް (44އ) އާއި ހދ. ކުޅުދުއްފުށި، ބަންޑާރަހިޔާ 002ޕީ، ޢަބްދުއްރަޙްމާން މުޙައްމަދު (45އ) އެވެ.

ފުލުހުން މި ދެ މީހުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، އޭގެ ބަރުދަނުގައި 9.71 ގުރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ދެ މައްސަލައަކީ ވެސް މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރުމުގެ ސީރިއަސް ތުހުމަތުތަކެއް އެކުލެވޭ މައްސަލަތަކެއް ކަމަށްވާތީ، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު