ރާއްޖެއާއި ސިންގަޕޫރުގެ ގުޅުމަކީ އިހުތިރާމާއި އިތުބާރުގެ މައްޗަށް އޮތް ވަރުގަދަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ސިންގަޕޫރުގެ ގައުމީ ދުވަހާ ގުޅިގެން، އެ ގައުމުގެ ރައީސަށާއި ބޮޑުވަޒީރަށް އަދި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު މިއަދު ފޮނުއްވި މެސެޖުގައި، ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް މަރުހަބާ ވިދާޅުވަމުން ފާހަގަކުރެއްވީ، ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމަކީ ދެ ފަރާތުގެ މެދުގައި އޮތް ފުން އިތުބާރުގެ ރަމްޒެއް ކަމަށެވެ. އަދި މި ގުޅުމަކީ މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި ތަރައްގީއަށް އޮތް އުންމީދެއްގެ ގޮތުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރު އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ދެ ގައުމުގެ ކުރިއެރުމަށް މުހިންމު ދާއިރާތަކަކުން ވަނީ އެއްބަސްވުންތައް އެކުލަވާލާފައެވެ.

ސިންގަޕޫރަކީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދޭ ގާތް ގައުމެކެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 20 ފެބުރުވަރީ 1975 ގައެވެ. އޭގެ ފަހުން ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުގެ ގުޅުން ވަނީ ހުރިހާ ދާއިރާއަކުންވެސް އާ އުސްމިންތަކަކަށް ވާސިލްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު