ފަހި ފްލެޓު ސަރަހައްދުގައި ހުރި ކުނިތައް، ފޮޓޯ: އެޗްޑީސީ
ފަހި ފްލެޓު ސަރަހައްދުގައި ހުރި ކުނިތައް، ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތައް ކައިރީގައި ޖަމާވެފައި ހުރި ކުނިތައް ސާފުކުރުމުގެ ބޮޑު ހަރަކާތެއް އިއްޔެ ހިންގައި، ރެކޯޑު އަދަދަކަށް ކުނި އުކާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން އިއްޔެ ކުރި މަސައްކަތުން އެކަނިވެސް 670 ޓަނުގެ ކުނި އެ ސަރަހައްދުން ވަނީ ހޮވައި ސާފުކޮށްފައެވެ.

މި ހަރަކާތް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ދޯދި 10 އާއި 11 ވަނަ ޓަވަރުގެ ކުރިމަތީގައި އޮތް ހުސްބިމަށެވެ. އެ ސަރަހައްދުގައި އޮތް ބޮޑު ކުނި ފުންޏަކީ އާންމު ގޮތެއްގައި ގޭގެއިން ނެރެފައިވާ ކުނި ކަމަށް ފާހަގަކުރެވިފައިވެއެވެ. މި ބޮޑު ސާފުކުރުމުގެ މަސައްކަތުގައި އެޗްޑީސީގެ އިތުރުން، އެފްޑީސީ، މޯލްޑިވްސް ޕޮލިސް ސަރވިސް، ވެމްކޯ އަދި މޯޕާ އިން ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، އިއްޔެ ކުރެވުނު މަސައްކަތުން އެ ސަރަހައްދު އެއްކޮށް ސާފުކޮށް ނުނިމެއެވެ. އެހެންކަމުން، މިއަދުވެސް އެ ސަރަހައްދުގައި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މިއަދުގެ ނިޔަލަށް އެ ސަރަހައްދު އެއްކޮށް ސާފުކޮށް ނިންމާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން އުންމީދު ކުރެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހި ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން، އެ ސަރަހައްދަށް ކުނި އެޅުމުގެ މައްސަލަ ވަނީ ނުހަނު ބޮޑުވެފައެވެ. މިގޮތަށް އުކާލާ ކުނިތައް ނެގުމަށްޓަކައި ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި އެކަނިވެސް 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ކެމްޕޭނުގެ މައިގަނޑު މަގުސަދަކީ ކުނި ގިނަވުމުގެ ސަބަބުން މަދިރި އާލާވެ، ބަލިމަޑުކަން ފެތުރުން ހުއްޓުވައި، ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ސާފުތާހިރު މާހައުލެއް ގާއިމުކޮށްދިނުމެވެ. އެހެންކަމުން، ކަނޑައެޅިފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނި ނޭޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު