ހިރިމަރަދޫ
ހިރިމަރަދޫ
ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ގެ އަޅައި ނުދެވެނީސް އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅުމުގެ ސަބަބުން، އެ ރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ނުލިބި "ވާނުވާ" ގައި ތިބި ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅޭގޮތުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ، އެ ކޮމިޓީން ހިރިމަރަދޫ މީހުންގެ ހާލަތު ބަލަން ފެކްޓް ފައިންޑިން މަސައްކަތްތަކެއް ކޮށް، ހޯދި ހޯދުންތައް މިހާރު އެޗްއާރުސީއެމާ ހިއްސާކޮށްފައިވާ ކަމަށެވެ. ނިޔާޒު ވިދާޅުވީ 300 އަށް ވުރެ ގިނަ ރައްޔިތުން މިހާރު ވެސް ހިރިމަރަދޫގައި ދިރިއުޅެމުންދާއިރު، އެ ރައްޔިތުންގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ހަނިމާދޫ ކައުންސިލް އޮންނަން ޖެހޭނެ ކަމަށް ރިޔާސީ ގަރާރުގައި އޮތް ނަމަވެސް، އަމަލީ ގޮތުން އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.

ހިރިމަރަދޫއަކީ ފަޅު ރަށެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު މަހު ނެރުއްވި ގަރާރަކުންނެވެ. އެ ގަރާރުގައިވާ ގޮތުން ހިރިމަރަދޫގެ އާބާދީގެ ކަންތައްތައް ބަލަހައްޓާނީ ހަނިމާދޫ ކައުންސިލުންނެވެ. ނަމަވެސް އެމްޑީޕީން ބުނަނީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެމްޑީޕީން އެދެނީ ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ގެ އަޅައިދީ އެ ރަށަށް ބަދަލުކުރަން ސަރުކާރުން ބޭނުން ނުވާ ނަމަ، އެއީ ފަޅުރަށެއް ކަމަށް ކަނޑައެޅި ގަރާރު ބާތިލު ކުރުމަށެވެ. އަދި އެ ގަރާރު ބާތިލުކޮށް ހިރިމަރަދޫގައި އަލުން ކައުންސިލެއް އިންތިހާބު ކުރުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 24 އޮގަސްޓް 2025 ގައި ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ހަނިމާދޫގައި އަޅާ ގެތަކުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް، މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައި ނުވާއިރު، މަޝްރޫއުގެ ކަންކަން ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުން ބޮޑުކޮށް ކަމަށް ދެރަށުގެ ރައްޔިތުން ބުނެއެވެ.

އެމްޑީޕީންވެސް ބުނީ، މި މުއްދަތުގެ ތެރޭގައި ހައުސިން ޔުނިޓްތައް އެޅުމަކީ ނުވާނެ ކަމެއްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ. އަދި މިއީ އިންސާނީ ހައްގުތަކާ ގުޅުންހުރި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެޗްއާރުސީއެމްގައި އެމްޑީޕީން ވަނީ އެދިފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހުގައި ވިދާޅުވީ، މި މަޝްރޫއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ ދަތިތަކާ ކުރިމަތި ކުރަމުންދާ ކަމަށެވެ. މި މައްސަލަ ބޮޑުވެ، ހަނިމާދޫ ކައުންސިލުން ވަނީ އެ ރަށުން ހިރިމަރަދޫ މީހުންނަށް ބިން ދޭން އުޅޭ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު