"މައި ކެރިއާ ޕޯޓަލް" އިފްތިތާހު ކުރުން، ފޮޓޯ: ހޯމް މިނިސްޓްރީ
"މައި ކެރިއާ ޕޯޓަލް" އިފްތިތާހު ކުރުން، ފޮޓޯ: ހޯމް މިނިސްޓްރީ
ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، އަމިއްލަ ކެރިއާ ބިނާކުރުމަށް ބޭނުންވާ މުހިންމު ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއާ ޕޯޓަލް" މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު ޢަލީ އިޙުސާނެވެ.

މިއީ ނޭޝަނަލް ކެރިއާ ސާވިސް (އެންސީއެސް) އިން އިސްނަގައިގެން ތަރައްޤީކޮށްފައިވާ ރަސްމީ ޕްލެޓްފޯމެކެވެ. މި މަސައްކަތަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" ޕްރޮޖެކްޓުގެ ދަށުން ފަންޑުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މުހިންމު މަޝްރޫޢެކެވެ.

އެންސީއެސްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ޕޯޓަލްގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ކުންފުނިތަކުގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލުމެވެ. މީގެ ސަބަބުން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، ވަޒީފާގެ ކަންކަން ހަމަޖެއްސުމުގައި ލުއިފަސޭހަ ނިޒާމެއް ގާއިމުވެގެންދާނެއެވެ.

މިއަދު އިފްތިތާޙުކުރި މި ޕޯޓަލްގައި ވަޒީފާގެ ފުރުޞަތުތައް ހޯދުމުގެ އިތުރުން، އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ކެރިއާ ގައިޑަންސްގެ ޚިދުމަތް ހިމެނެއެވެ. މި ޚިދުމަތުގެ ދަށުން ވަޒީފާ ހޯދާ ފަރާތްތަކަށް ތަމްރީނުލިބިފައިވާ ކައުންސިލަރުންގެ އެހީތެރިކަން ސީދާ ގޮތެއްގައި ލިބޭނެއެވެ. އަދި އަމާޒުތައް ކަނޑައެޅުމާއި، މަސައްކަތުގެ ދާއިރާއިން ކުރިއަށްދާނެ އެކްޝަން ޕްލޭންތައް އެކުލަވާލައި އެކަންކަން މޮނިޓާ ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން "ކެރިއާ ޕާތުވޭ ޑިޒައިނާ" މެދުވެރިކޮށް، ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި މާހިރުންގެ އިރުޝާދާއެކު ކުރިއަށްދާނެ މަގުޗާޓެއް ކުރަހައިދޭނެއެވެ. އަދި "މައިލްސްޓޯން ޓްރެކާ" ބޭނުންކޮށްގެން މީހާގެ ތަޢުލީމީ ފެންވަރާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާ އެއް ފެނުމަކުން ފެންނާނޭހެން ތަރުތީބުކޮށްދޭ ޗާޓެއްގެ އެހީގައި، ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި އިތުރަށް ތަރައްޤީކުރަންޖެހޭ ހުނަރުތައް ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ.

މި ޕޯޓަލްގެ އެންމެ މުހިންމު އެއް ސިފައަކީ ވަޒީފާއާ ގުޅުވައިދިނުމުގެ ނިޒާމެވެ. މިގޮތުން ވަޒީފާގެ ފުރުޞަތުތައް އިޢުލާނުކުރުމާއި، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދީ، ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ މުޅިން އާ ހަރުފަތަކަށް ގެންގޮސްދޭނެއެވެ.

މި ޕޯޓަލް ތަޢާރަފުކުރުމަކީ ދިވެހިންނަށް އިސްކަންދޭ ވަޒީފާގެ ބާޒާރެއް ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ. މިއީ ޤާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، "މޯލްޑިވްސް 2.0" ގެ ތަޞައްވުރުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށްވެސް އެންސީއެސްއިން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު