ޝިމާދު އިބްރާހީމް، އެސްތީއޯގެ މެނޭޖިންގ ޑިރެކްޓަރ
ޝިމާދު އިބްރާހީމް، އެސްތީއޯގެ މެނޭޖިންގ ޑިރެކްޓަރ
ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އުފުލުމާއި، ޝިޕިންގް ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގް ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން "އިގްތިސާދުގެ ދެފަރާތް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ސަޕްލައި ޗެއިންއަށް ބޮޑެތި ބަދަލުތަކެއް އައިސް، މުދާ އުފުލުމުގެ ޚަރަދު ނުވަތަ ފްރައިޓް ރޭޓްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށެވެ.

ޚާއްސަކޮށް ތެޔޮ އެތެރެކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ޝިމާދު ވިދާޅުވީ، ރާއްޖެއަށް މިހާރު ތެޔޮ ގެންނަނީ އޮމާނުން ކަމަށާއި، އެ ސަރަހައްދަކީ "ވޯ ޒޯން" ނުވަތަ ހަނގުރާމައިގެ ނުރައްކާ އޮތް ސަރަހައްދެއްގެ ގޮތުގައި އިންޝުއަރެންސް ކުންފުނިތަކުން ކަނޑައަޅާފައިވާ ކަމަށެވެ. މީގެ ސަބަބުން ކޮންމެ ދަތުރަކަށް "ވޯ ރިސްކް އިންޝުއަރެންސް" ނަގަން ޖެހޭއިރު، މިއީ ވަރަށް ބޮޑު އިތުރު ޚަރަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝިމާދު ވިދާޅުވީ އިންޝުއަރެންސް ކުންފުނިތަކުން ކުރިން ހުރި ޕޮލިސީތައް ރިކޯލްކޮށް، އާ ޕޮލިސީތައް އިޝޫކުރުން ހުއްޓާލި ކަމަށެވެ. އަދި މިހާރު މަދުވެގެން އެއް ހަފުތާގެ މުއްދަތަށް ނަގަންޖެހޭ މި "ވޯ ރިސްކް އިންޝުއަރެންސް" އަކީ ފުދޭވަރަކަށް އަގުބޮޑު އެއްޗެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝިޕިންގް ދާއިރާއަށް އައި ބަދަލުތަކުގެ ތަފްސީލު ދެއްވަމުން ޝިމާދު ވިދާޅުވީ، ކުރިން 6 ލައްކަ ޑޮލަރަށް ޗާޓަރުކުރި ބޯޓުތަކުގެ އަގު ކުއްލިއަކަށް 9 ލައްކަ 50 ހާސް ޑޮލަރަށް އުފުލިގެން ދިޔަ ކަމަށެވެ. މިއީ ގާތްގަނޑަކަށް 50 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް، ހަނގުރާމައިގެ ކުރިން އެސްޓީއޯއިން ދެވަނަ ބޯޓެއް ގަނެފައިވުމީ، މިފަދަ ދަނޑިވަޅެއްގައި ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މި އަންނަނީކީ ރާއްޖޭގައި އުފެދިގެން އަންނަ ކޯސްޓުތަކެއް ނޫން. ޝިޕިންގް ކޯސްޓަށާއި އިންޝުއަރެންސަށް މިއައީ ވަރަށް ބޮޑެތި ގޮންޖެހުންތައް. އެ ޚަރަދުތައް އެބަޖެހޭ ކުންފުނިން ބެއާ ކުރަން (އުފުލަން) ނުވަތަ ކަސްޓަމަރުންނަށް ޕާސްކުރަން،" ޝިމާދު ވިދާޅުވިއެވެ.

އިޤްތިސާދަށް އައި ބޮޑު ލޮޅުމުގެ މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަސްވަރު ތެލުގެ އަގު ތިން ގުނައަށް އުފުލިގެން ދިޔަ ކަމަށެވެ. ކުރިން މަހަކު 100 މިލިއަން ޑޮލަރު ހޭދަވި ފިއުލް ބިލު، އެ ދުވަސްވަރު 300 މިލިއަން ޑޮލަރަށް އެރި ކަމަށް ޝިމާދު ހާމަކުރެއްވިއެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

މިފަދަ ދަތި ހާލަތެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރާއި މަރުކަޒީ ބޭންކުން ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށް ޝިމާދު ވިދާޅުވިއެވެ. ޚާއްސަކޮށް ޑޮލަރުން އިމްޕޯޓުކޮށްފައި ރުފިޔާއިން ވިއްކާ މުދަލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް