ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް، ފޮޓޯ: ރައީސް އޮފީސް
ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް، ފޮޓޯ: ރައީސް އޮފީސް
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފެށި ނަމަވެސް، ދައުވާކުރުމާ މެދު ގޮތް ނިންމުމުގެ އެންމެ ފަހުގެ ބާރު އޮންނާނީ އިންސާނުންނަށް ކަމަށާއި، އެ ބާރު އޭއައިއަށް ދޫކޮށްނުލާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތްތަކަށް އޭއައި ތައާރަފުކުރުމަށްޓަކައި "ޕީޖީއޯ 2.0" ގެ ނަމުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން މަޝްރޫއުގެ ދަށުން ޕީޖީ އޮފީހުން ފެށި މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޖީ އައްބާސް ޝަރީފް ވިދާޅުވީ، އޭއައި ބޭނުންކުރާނީ ޕީޖީ އޮފީހުގެ ވަކީލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަނި ކަމަށާއި، ގާނޫނީ އިތުރު ބާރެއް ހޯދުމަށް ނުވަތަ ނިންމުމެއް ނިންމުމަށް އެއްވެސް އޭއައިއެއް ބޭނުންނުކުރާނެ ކަމަށެވެ. އަދި އެއްވެސް ހެއްކެއް ނުވަތަ ހެކި ބަހެއް ތައްޔާރުކުރަން ވެސް އޭއައި ބޭނުންނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. އައްބާސް ފާހަގަކުރެއްވި ގޮތުގައި އޭއައިގެ އެހީގައި މައުލޫމާތު ހޯދައި، ކަންކަން ތަރުތީބުކޮށް، ލިޔުންތައް ތައްޔާރުކޮށް އަދި ދިރާސާތައް ކުރެވުނު ނަމަވެސް، ދައުވާކުރުމުގެ ކަންކަމުގައި ގޮތް ނިންމާނީ ޕްރޮސެކިއުޓަރުންނާއި ޕްރޮސެކިއުޓާ ޖެނެރަލެވެ. އޭއައިއަށް އެއްވެސް ނިންމުމެއް ނިންމުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

"ޕީޖީއޯ 2.0" މަޝްރޫއުގެ ދަށުން ޕީޖީ އޮފީހުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އަށް އޭއައިގެ ގާބިލުކަން އިތުރުކޮށް، މައްސަލަތައް ދިރާސާކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ ވަސީލަތަކަށް ހެދުމަށް ވަނީ އަމާޒު ހިފައިފައެވެ. ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭއިރު، އެ މަޝްރޫއު ނިމިގެންދާއިރު ކޮންމެ ޕްރޮސެކިއުޓަރަކަށް ހާއްސަ، އެ މީހަކާ ގުޅޭ އޭއައި އެސިސްޓެންޓެއް ހުންނާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. މީގެ އިތުރުން، އޯޕަން ސޯސް އެއްވެސް އޭއައިއަކަށް ޕީޖީ އޮފީހުގެ ޑޭޓާއެއް ނުލާނެ ކަމަށާއި، ހުރިހާ ޑޭޓާއެއްވެސް ރައްކާތެރިކޮށް ބަލަހައްޓާނީ އެ އޮފީހުގެ އަމިއްލަ ޑޭޓާ ބޭސްއެއްގައި ކަމަށް އައްބާސް ވިދާޅުވިއެވެ.

މި މަސައްކަތް ފެށުމުގެ ކުރިން މުވައްޒަފުންގެ މެދުގައި ކުރެވުނު ސާވޭއަކުން ދެއްކި ގޮތުގައި، ނަމަވެސް، އެކަމުގެ ތަމްރީނު ލިބިފައިވާ ކަމަށް ބުނެފައިވަނީ 52 އިންސައްތަ މުވައްޒަފުން ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައި މުވައްޒަފުން ތަމްރީނުކުރުމަށް އިސްކަންދޭނެ ކަމަށް ޕީޖީ ވިދާޅުވިއެވެ. އައްބާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީހަކު ހުރި ރަށެއްގެ ސަބަބުން އެއްވެސް މީހަކު ހިދުމަތުން މަހުރޫމުނުވާނެ ކަމަށާއި، މި މަޝްރޫއު ނިމިގެންދާއިރު އެކަމާ ގުޅޭ ހުރިހާ އިރުޝާދުތަކެއް ދިވެހި ބަހުން އެންމެހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕީޖީ އޮފީހުން ވަނީ އިތުރު މުހިންމު ވަސީލަތްތަކެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން، އެ އޮފީހުން ތައްޔާރުކުރި ހެއްކާ ބެހޭ ގާނޫނާ ބެހޭ ފޮތް، "އެވިޑެންސް: އަ ޕްރެކްޓިޝަނާސް ގައިޑް" ނެރެދެއްވިއިރު، އޮފީހުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދޭ "އީދޮރާށި" ޕޯޓަލްއާއެކު އާ ވެބްސައިޓު ވެސް ވަނީ ލޯންޗުކޮށްފައެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އެ އޮފީހުން ދައުވާކުރުމަށް ބަލައިގަންނަ ހުރިހާ މައްސަލަތަކުގެ ރަޖިސްޓްރީ ވެބްސައިޓުގައި ޝާއިއުކުރަން ފަށާނެ ކަމަށް ވެސް އެ އޮފީހުން ވަނީ އިއުލާނުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް