ޝްރައްދާ ކަޕޫރު: ބޮލީވުޑް ސިނަމާގައި އެންމެ ރީތި ބަތަލާއިންގެ އެންމެ ކުރީސަފުގައި
ޝްރައްދާ ކަޕޫރު: ބޮލީވުޑް ސިނަމާގައި އެންމެ ރީތި ބަތަލާއިންގެ އެންމެ ކުރީސަފުގައި
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރު މުހިންމު ރޯލަކުން ފެނިގެންދާ ފިލްމު "އީތާ" ރިލީޒްކުރުން ފަސްކޮށް، އާ ތާރީޚެއްގެ ގޮތުގައި 4 ޑިސެމްބަރު 2026 ވަނީ ކަނޑައަޅައިފައެވެ. ކުރިން މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި އޮތީ ރަކްޝާބަންދަންގެ ބަންދު ދުވަސްތަކާ ދިމާކޮށެވެ.

މެޑޮކް ފިލްމްސް އާއި ކަތުޕުތުލީ ކްރިއޭޝަންސް ގުޅިގެން އުފައްދާ މި ފިލްމު ރިލީޒްކުރާ ތާރީޚަށް ބަދަލު ގެނައިކަން އެ ފަރާތްތަކުން މިހާރު ވަނީ ރަސްމީކޮށް އިޢުލާންކޮށްފައެވެ. ކުރީގެ ތާވަލުގައިވާ ގޮތުން މި ފިލްމު އޮގަސްޓް 28 ގައި ރިލީޒްކުރަން އޮތް ނަމަވެސް، ފިލްމަށް ލިބޭ ތަރުހީބު އިތުރުކުރުމަށާއި ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދުމުގެ މަޤްޞަދުގައި މިހާރު ވަނީ ތާރީޚު ފަސްކޮށްފައެވެ. މިއަހަރުގެ ޖޫން މަހު އާންމުކުރި މި ފިލްމުގެ ޓީޒާއަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާއިރު، އޭގައި ހިމެނޭ މިއުޒިކާއި ޝްރައްދާގެ ހުނަރުވެރި އެކްޓިންގްއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ލަކްޝްމަން އުޓޭކަރު ޑައިރެކްޓްކުރާ "އީތާ" އަކީ ބަޔޮގްރަފިކަލް މިއުޒިކަލް ޑްރާމާއެކެވެ. މިއީ ޑައިރެކްޓަރާއި ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ ކާމިޔާބު މަސައްކަތްތަކަށްފަހު، އެ ދެ ފަންނާނުން އަނެއްކާވެސް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ފިލްމުގައި ޝްރައްދާ ކަޕޫރު ފެނިގެންދާނީ މަރާތީގެ މަޝްހޫރު ފަންނާނެއް ކަމަށްވާ ވިތާބާއީ ނަރަޔަންގާއޮންކަރްގެ ސަޚްޞިއްޔަތުންނެވެ. އޭނާގެ ދިރިއުޅުމުގެ އަސަރުގަދަ ވާހަކަތައް މި ފިލްމުން ވަރަށް ފުރިހަމައަށް ފެނިގެންދާނެއެވެ.

ޝްރައްދާގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ރަންދީޕް ހޫޑާ އަދި މުޙައްމަދު ޒީޝާން އައްޔޫބު ވެސް ފެނިގެންދާނެއެވެ. ޝްރައްދާގެ ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ އުފެއްދުމަކަށް މި ފިލްމު ވާނެ ކަމަށް ބެލެވޭއިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ މި ފިލްމަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް