ފައްޔާޒު އިސްމާއީލް އަދި ރައީސް ނަޝީދު
ފައްޔާޒު އިސްމާއީލް އަދި ރައީސް ނަޝީދު
2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހާރު ގެންދަވަނީ ވެރިކަމުގެ ނިޒާމަށް "ބޮޑު ބަދަލެއް" ގެނައުމަށްޓަކައި އެ ސިޔާސަތުތަކަށް އާންމުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

"އަސްލު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ހެޔޮ ހާލުގައި ހުންނެވިނަމަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ނިންމެވުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި ޤައުމާއި ޕާޓީގެ މަސްލަހަތަށްޓަކައި އެންމެ ފައިދާހުރި ގޮތް ހޯދުމުގެ މަސައްކަތުގައި އަބަދުވެސް އެންމެ ކުރީގައި ހުންނަވާނެ ކަމަށާއި، ޤައުމީ ހާލަތަށް ބަލައި އެހެން ގޮތަކަށް ނިންމަން ޖެހިއްޖެ ހާލަތެއްގައިވެސް އެކަމަށް އެންމެ ފުރަތަމަ އެއްބާރުލުން ދެއްވާނެ ފަރާތަކީ އޭނާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް، އެފަދަ ހާލަތެއް ނެތް ނަމަ އިރާދަކުރެއްވިއްޔާ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ކުރައްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވަނީ ހަމައެކަނި ފައްޔާޒު އިސްމާއީލް އެވެ.

ނަމަވެސް، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުވެސް މި ޕްރައިމަރީގައި ވާދަކުރެއްވުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ފެތުރެމުންދާއިރު، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްވެސް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު