އަޝްމިތު ޕަޓޭލް (ވާއަތުގައި) އަދި އިމްރާން ހާޝިމީއާއި މަލިކާ ޝަރާވަތު
އަޝްމިތު ޕަޓޭލް (ވާއަތުގައި) އަދި އިމްރާން ހާޝިމީއާއި މަލިކާ ޝަރާވަތު
2004 ވަނަ އަހަރު ރިލީޒްކުރި އަނޫރާގު ބާސޫގެ ފިލްމު "މާޑަރ" އަކީ އޭރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ. މި ފިލްމުގެ ކާމިޔާބީގައި އޭގެ މިއުޒިކާއި، އިމްރާން ހާޝިމީ، މަލިކާ ޝެރާވަތު އަދި އަޝްމިތު ފަޓޭލްގެ މެދުގައި އޮތް ކެމިސްޓްރީ މުހިންމު ދައުރެއް އަދާކުރިއެވެ. ނަމަވެސް، މި ފިލްމުން މަލިކާ އާއި އިމްރާނަށް ލިބުނު ފަދަ މަޝްހޫރުކަމާއި ފުރުސަތުތައް އޭނާއަށް ނުލިބުނު ސަބަބު އަޝްމިތު ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. މީގެ އިތުރުން، އެ ދުވަސްވަރު އޭނާގެ އަމިއްލަ ދިރިއުޅުމުގައި ދިމާވި ހިތްދަތި ތަޖުރިބާތަކާއި ފިލްމުގައި އޭނާ ކުޅުނު ކެރެކްޓާއާ ހުރި އެއްގޮތްކަމާ ބެހޭގޮތުން ވެސް އޭނާ ވާހަކަދެއްކިއެވެ.

"ހިންދީ ރަޝް" ޕޮޑްކާސްޓުގައި ވާހަކަދައްކަމުން އަޝްމިތު ބުނީ "މާޑަރ" ޝޫޓްކުރަމުން ދިޔަ ދުވަސްވަރު އޭނާގެ އޭރުގެ ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރިވެފައިވާކަން އެނގުމުން ވަރަށް ބޮޑު ނަފްސާނީ އަސަރެއް ކޮށްފައިވާ ކަމަށެވެ. "އަހަރެންގެ އަމިއްލަ ދިރިއުޅުމުގައި ވެސް ދިމާވެފައި އޮތީ ފިލްމުގެ ވާހަކައާ ދާދި އެއްގޮތް ކަމެއް. އަހަރެންގެ ކުރީގެ ލޯބިވެރިޔާ އަހަންނަށް އޮޅުވާލިކަން އެނގުމުން ވަރަށް ބޮޑަށް ހާސްވި. ނަމަވެސް މި ފިލްމުގެ ސަބަބުން އެ ހިތްދަތިކަމުން އަރައިގަތުމަށް މަގުފަހިވި. އެހެންކަމުން ފިލްމުން ފެންނަ ހުރިހާ އަސަރުތަކަކީ ހަގީގީ އިހުސާސްތައް،" އޭނާ ބުންޏެވެ.

"މަލިކާ ޝެރާވަތު ހުރިހާ ސަމާލުކަމެއް ހޯދި"

ފިލްމުގެ ކާމިޔާބީއާ ގުޅޭގޮތުން އަޝްމިތު ބުނީ، މަލިކާ ޝެރާވަތަކީ ޕަބްލިކް ރިލޭޝަންސް (PR) އަށް ވަރަށް މޮޅު މީހެއް ކަމަށާއި، އޭނާގެ ރީތިކަމާއި އޭރު އޭނާއާ ބެހޭގޮތުން ދެކެވުނު ވާހަކަތަކުގެ ސަބަބުން ހުރިހާ ސަމާލުކަމެއް އޭނާއަށް ހުއްޓުނު ކަމަށެވެ. "މަލިކާ އެ މަގާމަށް ވަރަށް ބޮޑަށް މަސައްކަތްކުރި. ނަމަވެސް އެ ފިލްމުން އިމްރާން ހާޝިމީއަކަށް ވެސް އަދި ޑައިރެކްޓަރު އަނޫރާގު ބާސޫއަކަށް ވެސް އެދެވޭ ވަރުގެ މަޝްހޫރުކަމެއް ނުލިބޭ. އެންމެ ކުޑަ ސަމާލުކަމެއް ލިބުނީ އަހަންނަށް. ފިލްމުގެ ހިޓް ލަވަތަކުގައި ވެސް އަހަރެން ފެންނަނީ އެންމެ މަންޒަރަކުން ނުވަތަ ދެ މަންޒަރަކުން. އެހެންކަމުން އެ ފިލްމަށްފަހު އަހަރެންގެ މަގުބޫލުކަން އިތުރެއް ނުވި،" އޭނާ އިތުރަށް ބުންޏެވެ.

"ބޮޑެތި ފިލްމުތަކުން އަހަރެން ބޭރުކުރި"

އަޝްމިތު ބުނި ގޮތުގައި އޭނާގެ އެކްޓިންއަށް ފާޑުކިޔުންތެރިންގެ ތައުރީފު ލިބި، ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނެވެ. ނަމަވެސް އެ ދުވަސްވަރު އޭނާގެ އާއިލީ ދިރިއުޅުމުގައި ދިމާވި ބައެއް ކަންކަމުގެ ސަބަބުން ފިލްމީ ދާއިރާގެ މީހުން އޭނާއާ މެދު ދެކޭގޮތް ބަދަލުވިއެވެ. "އަހަރެން ސޮއިކޮށްފައި އޮތް ބޮޑު ދެ ފިލްމަކުން އެއްވެސް އެންގުމަކާ ނުލައި އަހަރެން ބޭރުކުރި. އެއީ ވަރަށް ދެރަވި ކަމެއް،" އޭނާ ބުންޏެވެ.

އަޝްމިތު އެންމެ ފަހުން ފެނިފައިވަނީ 2018 ވަނަ އަހަރު ރިލީޒްކުރި "ނިރްދޯޝް" އިންނެވެ.



ކިޔުންތެރިންގެ ހިޔާލު