ރައީސް ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި އިފްތިތާހުކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް
ރައީސް ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި އިފްތިތާހުކޮށްދެއްވުން، ފޮޓޯ: ރައީސް އޮފީސް
އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑުތަކުރުފާނު) ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމަށް ކުރެއްވި މަތިވެރި ގައުމީ ޖިހާދުގެ ވާހަކަ ދިރުވައި އާލާކުރުމުގެ ގޮތުން ތައްޔާރުކުރި "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.

މި ޚާއްޞަ ހަރަކާތް ކުރިއަށްދިޔައީ މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހއ. އުތީމަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. "ވާހަކަ ވައު" އިފްތިތާހް ކޮށްދެއްވުމުގެ އިތުރުން، ބޮޑުތަކުރުފާނުގެ ހަނދާންތަކާ ގުޅުވައިގެން އުތީމުގައި އަލަށް ތަރައްގީ ކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު މި ދަތުރުފުޅުގައި އުތީމަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު އަދި ކުލަގަދަ މަރުޙަބާއެއް ދަންނަވާފައެވެ. ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު 10:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގެ އެންމެ ޚާއްޞަ އެއް ހަރަކާތަކީ ދައުލަތުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ބޭފުޅުންނަށް އެރުވުމެވެ.

މިއަހަރުގެ ގައުމީ އިނާމުތަކަށް ބަލާއިރު، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމިއްޔާއަކަށް އެރުވުމަށް ވަނީ ނިންމާފައެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ދިނުމަށް ހަމަޖެހިފައިވާ އިރު، ދިގު މުއްދަތެއްގެ ޚިދުމަތްތެރިއެއްގެ ހަނދާނަށް ދައުލަތުންދޭ ޚިދުމަތުގެ ގައުމީ އިނާމުވެސް މިއަދު އަރުވާނެއެވެ.

އުތީމުގައި ގައުމީ ދުވަހުގެ ފޯރިގަދަ ހަރަކާތްތައް އިއްޔެ ހެނދުނުން ފެށިގެން ދަނީ ބާއްވަމުންނެވެ. އެގޮތުން އިއްޔެ ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން، ރޭ ވަނީ މުޅި އުތީމު އުޖާލާކޮށްލި ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު