އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު
އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ އައު ސަފީރުގެ މަޤާމަށް ގ. މާފަހި، އަލްފާޟިލާ ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ވަނީ އިއްވާފައެވެ. އަދި މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. އެހެންކަމުން، ސަފީރުކަމަށް ޖަމީލާ ޢައްޔަން ކުރެވޭނީ އެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު އެކުލަވާލާ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި، ފާސްވުމުންނެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު ބަޔާންކުރާ ގޮތުގައި، ރާއްޖެއިން ބޭރު ޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ކަނޑައަޅާ ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން ޢައްޔަންކުރެއްވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހެއެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމު ހުސްވެފައިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި ޑރ. އިރުތިޝާމް އާދަމް ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މި މަޤާމަށް ހުށަހެޅުއްވި ޖަމީލާ ޢަލީ ޚާލިދަކީ ޚާރިޖީ ދާއިރާގައްޔާއި ދައުލަތުގެ ޚިދުމަތުގައި ގިނަގުނަ ތަޖުރިބާތަކެއް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން، މީގެކުރިން އެކަމަނާ ވަނީ ބެލްޖިއަމަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރުކަމުގެ މަޤާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ކަނޑައެޅުއްވި މިޝަންގެ ވެރިޔާގެ މަޤާމުވެސް އަދާކުރައްވާފައެވެ. މީގެއިތުރުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަންވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު