ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް އެއްވެސް ސަރުކާރަކުން އެދެވޭ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ވިދާޅުވެ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުގެ ބުކިންގ ޕްލެޓްފޯމްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ އަތުން ޖީ.އެސް.ޓީ ނެގުމަށް ހުށަހެޅި ބިލަށް ބަހުސް ކުރަށްވަމުން އައްބާސް މިއަދު ވަނީ، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމުގައި ފާއިތުވި ސަރުކާރުތައް ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ، ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމުގެ ނަތީޖާ ހިތްދަތިވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އައްބާސް ވިދާޅުވީ، މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާއިރު، ފަތުރުވެރިކަން މުޅި ރާއްޖެއަށް ފަތުރާލައި ލާމަރުކަޒީ ކުރުމަށްވެސް ސަރުކާރުތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.

"ފަތުރުވެރިކަމުގެ ސިނާއަތަކީ ގެރިއެއްގެ ކިރު ފެލާހެން، އެ ސިނާއަތް ހުސްވެ ހަފުސްވަންދެން ކިރު ފެލާ ސިނާއަތަކަށް ހަދައިގެން ނުވާނެ. ކިރު ހުސްވުމުން ދެން އަންނާނީ ލޭ." އައްބާސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުން އާމްދަނީ ލިބެން ފެށުމުގެ ކުރިންވެސް ރާއްޖެ ދެމިއޮތީ މަސްވެރިކަމުގެ ސިނާއަތުގެ މައްޗަށްކަން ފާހަގަކުރަށްވައި، އައްބާސް ވިދާޅުވީ މިހާރު މަސްދޯނިފަހަރުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

"ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން މަސައްކަތެއް ކޮށްފައެއް ނެތް. މަސްވެރިންނާއި ދަނޑުވެރިންނަށް އަޅުގަނޑުމެން ދައްކަނީ ހުސް ދަޅަ. މިއަދު ރާއްޖޭގެ ކަނޑުމަސް އޮޑިފަހަރާއި ބޮޑުކަންނެލީގެ ދޯނިފަހަރުގެ ފަޅުވެރިންގެ 95 އިންސައްތައަކީ ބަންގްލަދޭޝް މީހުންނާއި އެހެނިހެން ބިދޭސީން." އައްބާސް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރު ފައިސާ ބޭރުވާ ސަބަބާމެދު ސުވާލު އުފައްދަމުން އައްބާސް ވިދާޅުވީ، ކޮންމެ ގެއެއްގައި މޮޅު ރާނާ މީހުންނާއި ވަޑިން ތިބި ޒަމާނެއް ދިޔަ ނަމަވެސް، މިއަދު އެފަދަ ހުރިހާ މަސައްކަތަކަށް ބަރޯސާވާން ޖެހިފައިވަނީ ބިދޭސީންނަށް ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދު ރަނގަޅުވާނީ ޒުވާން ޖީލު މަސައްކަތުގެ މާހައުލަށް، ހާއްސަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ނުކުމެގެން. ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތް ހުސްވަންދެން ފެލުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫން." އައްބާސް ވިދާޅުވިއެވެ.

މީގެއިތުރުން، އައްބާސް ވަނީ، ފަތުރުވެރިކަން ސިންދަފާތު ކުރުމުގައި އުތުރާއި ދެކުނުގެ އަތޮޅުތައް އިހުމާލުކޮށްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އަދި އެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާކުރެވޭނެ ވަސީލަތްތައް ޤާއިމްކުރުމަކީ ރާއްޖެއަށް ލިބޭ ޑޮލަރުގެ އާމްދަނީ އިތުރުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް