ވިލިމާލެ ގޮނޑުދޮށް ޙިމާޔަތް ކުރުމާއި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން
ވިލިމާލެ ގޮނޑުދޮށް ޙިމާޔަތް ކުރުމާއި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން
ކ. ވިލިމާލޭގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢާއި، އެ ރަށުގެ ބަނދަރުގައި ޑިންގީ ޖެޓީއެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ސަރުކާރުން މިއަދު ޙަވާލުކޮށްފިއެވެ.

މި ދެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.

ގާތްގަނޑަކަށް 6,755 މީހުންގެ އާބާދީއެއް އޮންނަ ވިލިމާލޭގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢަކީ 45.66 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ޙަވާލުކުރި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 1.09 ހެކްޓަރުގެ ބިން ހިއްކުމާއި، 150 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 181 މީޓަރުގެ ބޭރު ތޮށިލުން ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން ވިލިމާލެއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބި، ރައްޔިތުންނަށް ރައްކާތެރި ހިތްގައިމު ގޮނޑުދޮށެއް ލިބިގެންދާނެއެވެ.



މީގެ އިތުރުން، ވިލިމާލޭގެ ބަނދަރުގައި ޑިންގީ ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 14.91 މިލިއަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 3 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 74 މީޓަރުގެ އެއްގަމުތޮށި ލުމާއި، 24 މީޓަރުގެ ބޭރުތޮށްޓެއް ލުމުގެ އިތުރުން، 74 މީޓަރު ދިގު ބްރިޖެއް އެޅުން ހިމެނެއެވެ. މި ޖެޓީގެ ސަބަބުން އެކި ބޭނުންތަކަށް ވިލިމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ލޯކަލް ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު