މިއުޒިކީ ދުނިޔޭގެ ލެޖެންޑް، އަދި އެތައް މިލިއަން ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭގެ ހަނދާނުގައި، އިންޑިއާގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރ އޭއާރު ރަޙްމާން ތައްޔާރުކުރާ ޚާއްޞަ ވީޑިއޯ ލަވައިން ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން ފެނިގެންދާނެކަން ހާމަކޮށްފިއެވެ.

ދުނިޔޭގެ މިއުޒިކް ދުވަހާ ގުޅުވައިގެން ނެރުމަށް ހަމަޖެހިފައިވާ މި ލަވައަކީ، އުމުރުން 92 އަހަރުގައި 12 އެޕްރީލް 2026 ގައި ނިޔާވި އާޝާ ބޯސްލޭގެ ޝަރަފުގައި ތައްޔާރުކުރާ ލަވައެކެވެ. "އާޝާ ފޯއެވަރ" ގެ ނަމުގައި އުފައްދާ މި ލަވައިގައި ޝާހްރުކް ޚާން ބައިވެރިވާކަން އިޢުލާނުކޮށް، އޭއާރު ރަޙްމާން ވަނީ އޭނާގެ އެކްސް އެކައުންޓުގައި ޝާހްރުކް ޚާނަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.

ރަޙްމާން ހާމަކުރި ގޮތުގައި މި ޕްރޮޖެކްޓަކީ އާޝާ ބޯސްލޭ ދުނިޔޭގައި ހުރިއިރު، އޭނާއަށް ހަދިޔާއެއްގެ ގޮތުގައި އެރުވުމަށްޓަކައި މަސައްކަތް ފެށި ޕްރޮޖެކްޓެކެވެ. އަދި މި ލަވައިގައި ރަޙްމާންގެ އިތުރުން އެހެނިހެން މަޝްހޫރު ލަވަކިޔުންތެރިންނާއި، އަމިއްލައަށް އާޝާ ބޯސްލޭ ކިޔާފައިވާ އަޑުތައް ވެސް ހިމެނޭނެއެވެ. ލަވަ ރިލީޒްކުރާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ލަވައިގެ ކުޑަ ޓީޒާއެއް މިހާރު ވަނީ އާންމުކޮށްފައެވެ.

މި ޓީޒާއާއެކު ރަޙްމާން ލިޔެފައިވާ ނޯޓުގައި ފާހަގަކޮށްފައިވަނީ، މި ޕްރޮޖެކްޓަކީ އެތައް ޖީލެއްގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ވެފައިވާ މިއުޒިކީ ލެޖެންޑުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި ތަފާތު މިއުޒީޝަނުންނާއި އެކި ސަގާފަތްތަކުގެ އަޑުތައް އެއްކޮށްލައިގެން އާޝާގެ ތަރިކަ ފާހަގަކުރުމަކީ އޭނާއަށް އެރުވޭނެ އެންމެ ފުރިހަމަ ޝަރަފު ކަމަށް ވެސް ރަޙްމާން ބުނެފައިވެއެވެ.

ޝާހްރުކް ޚާނާއި އާޝާ ބޯސްލޭއާ ދެމެދު އަބަދުވެސް އޮންނަނީ ވަރަށް ގާތް، ޚާއްޞަ ގުޅުމެކެވެ. އާޝާ ނިޔާވި ޚަބަރާއެކު ޝާހްރުކް ޚާން ވެސް ވަނީ މީސްމީޑިއާގައި ވަރަށް އަސަރުގަދަ މެސެޖެއް ހިއްސާކޮށްފައެވެ. އޭނާގެ މެސެޖުގައި އާޝާގެ އަޑަކީ އިންޑިއަން ސިނަމާގެ މައި އެއް ތަނބު ކަމަށާއި، އޭނާގެ ހަނދާންތައް ދުވަހަކުވެސް ފޮހެވިގެން ނުދާނެ ކަމަށް ބުނެފައިވެއެވެ.

ޝާހްރުކް ޚާންގެ ކާމިޔާބު އެތައް ފިލްމެއްގެ މަގުބޫލު ލަވަތައް ކަމަށްވާ "ޒަރާ ސާ ޖޫމް"، "ލޭ ގައީ"، "ކިތާބޭން ބަހުތު ސީ" އަދި "ޔޭ ހޭ ޕިޔާރު ޕިޔާރު" ފަދަ ލަވަތަކަކީ އާޝާ ބޯސްލޭގެ ޖާދުވީ އަޑުން ވިދާލި، މިއަދުވެސް ބެލުންތެރިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ލަވަތަކެކެވެ. އެހެންކަމުން އާޝާގެ ހަނދާނުގައި ތައްޔާރުކުރާ މި ޚާއްޞަ ވީޑިއޯއިން ޝާހްރުކް ފެނިގެން ދިއުމަކީ މި ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު