ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު:  "ރަސްމާލެ" ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފަށްޓަވައި ދެއްވަނީ  ފޮޓޯ: ރަސްއޮންލައިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: "ރަސްމާލެ" ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފަށްޓަވައި ދެއްވަނީ ފޮޓޯ: ރަސްއޮންލައިން
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ "ރަސްމާލެ" ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ބާރުސްޕީޑުގައި ދަނީ ކުރިއަށެވެ.

ފުޝީދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ މި މަޝްރޫއަކީ އެއް ފަސްގަނޑެއްގެ ގޮތުގައި 1,150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ، ރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއެވެ.



ރަސް މާލެ ވެގެން ދާނީ ރާއްޖޭގެ އެންމެ ބޮޑު ބިމަށް


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިކޯ-ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ ރަސްމާލޭގައި 65،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.

މީގެ ތެރޭގައި ސޯޝަލް ހައުސިން، މެދު ފަންތީގެ ގޭގޭގެ އިތުރުން އަމިއްލަ ފަރާތްތަކަށް ދޫކުރާ ގޯތިތައް ހިމެނެއެވެ. މި މަޝްރޫއު ނިމުމުން ރަސްމާލޭގެ ބޮޑުމިން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އެއްކޮށްލުމުން ވާވަރަށްވުރެ ގާތްގަނޑަކަށް ތިންގުނަ ބޮޑުވާނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.



ރަސް މާލެ ހިއްކުން ކުރިއަށް


މޫސުމީ ބަދަލުތަކުން ރައްކާތެރިވެފައިވާ އަދި ތިމާވެއްޓާ ރައްޓެހި "ޒީރޯ-ކާބަން" ސިޓީއެއްގެ ގޮތުގައި ފަރުމާކޮށްފައިވާ ރަސްމާލެ ހިއްކަނީ މޫދު ކަނޑުގެ މިންގަނޑަށްވުރެ 2 އާއި 3 މީޓަރާ ދެމެދުގެ އުސްމިނެއްގައެވެ.

މީގެ އިތުރުން، މި ރަށުގައި ސްމާޓް އިންފްރާސްޓްރަކްޗާ، އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތައް އަދި މާލެއާ ރަސްމާލެ ގުޅުވާލަދޭ އެކްސްޕްރެސް ސްޕީޑްބޯޓު ފެރީގެ ހިދުމަތް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.

ބައިނަލްއަގުވާމީ ކޮންޓްރެކްޓަރުންނާ ގުޅިގެން ކުރިއަށްދާ މި މަޝްރޫއުގެ ދަށުން މިހާރު ވެސް ގިނަ ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.

މިއީ ހަމައެކަނި މީހުން ދިރިއުޅޭ އަވަށެއްގެ އިތުރުން ސާވީ، ސިއްހީ ހިދުމަތްދޭ ސެންޓަރުތައް، ވިޔަފާރި ސަރަހައްދުތައް އަދި ކުޅިވަރު މައިދާންތައް ހިމެނޭހެން ފުރިހަމަ ލާމަރުކަޒީ އަވަށެއްގެ ގޮތުގައި ތަރައްގީކުރެވޭ ތަނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް