ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ކާތިކް އާރްޔަން ލީޑު ރޯލުން ފެނިގެންދާ އޭވިއޭޝަން ތްރިލާ ފިލްމު "ކެޕްޓަން އިންޑިއާ"ގެ މުހިންމު ރޯލަކަށް ދެކުނު އިންޑިއާގެ ހުނަރުވެރި ބަތަލާ ޕާރުވަތީ ތިރުވޯތު ހަމަޖައްސައިފިއެވެ.

ބޮލީވުޑް ހަންގާމާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުޅަދާނަ ޑައިރެކްޓަރު ޝިމިތު އަމީން ޑައިރެކްޓްކުރާ މި ފިލްމުގައި ޕާރުވަތީ ފެނިގެންދާނީ ވަރަށް މުހިންމު އަދި ނުފޫޒުގަދަ ކެރެކްޓާއަކުންނެވެ. ނަމަވެސް އޭނާގެ ރޯލާ ބެހޭ އިތުރު ތަފްސީލުތައް ފިލްމުގެ ޓީމުން އަދި ހާމަކޮށްފައެއް ނުވެއެވެ. އިންސާނިއްޔަތަށްޓަކައި ހިންގި އެންމެ ބޮޑު އެއް ސަލާމަތީ އޮޕަރޭޝަންގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގެ ވާހަކައިގައި ޕާރުވަތީގެ ކެރެކްޓާ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާރުވަތީއަކީ "ޓޭކް އޮފް"، "ކޫޑޭ"، "އުޔާރޭ" އަދި "ބެންގަލޯރ ޑޭސް" ފަދަ ފިލްމުތަކުން އޭނާގެ މޮޅު އެކްޓިން ދައްކުވައިދީ ގިނަ ބައެއްގެ ތައުރީފު ހޯދާފައިވާ ތަރިއެކެވެ. ހިންދީ ސިނަމާގެ ބެލުންތެރިންގެ މެދުގައި އޭނާ އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ 2017 ވަނަ އަހަރު ނުކުތް "ޤަރީބް ޤަރީބް ސިންގަލް" ގައި މަރުހޫމް އިރްފާން ޚާނާއެކު ކުޅުނު ލީޑު ރޯލުންނެވެ. އޭގެ ފަހުން ޕަންކަޖް ތުރިޕާތީގެ "ކަޑަކް ސިންގް" (2023) އަދި ބިޖޯއީ ނަމްބިއާގެ "ތޫ ޔާ މޭން" އިންވެސް އޭނާ ވަނީ ފެނިފައެވެ. މީގެ އިތުރުން ރިތިކް ރޯޝަންގެ ޕްރޮޑަކްޝަންގެ ފުރަތަމަ ވެބް ސީރީޒް "ސްޓޯމް" އިން ވެސް މި އަހަރު ފަހުކޮޅު ޕާރުވަތީ ފެންނާނެއެވެ. "ކެޕްޓަން އިންޑިއާ" އަކީ މިހާތަނަށް އޭނާއަށް ހުށަހެޅުނު އެންމެ ޝައުގުވެރި އެއް ހިންދީ ޕްރޮޖެކްޓެވެ.

މި ފިލްމުގެ ކާސްޓާ ދާދިފަހުން "ޗާންދް މޭރާ ދިލް" އިން ފެނިގެންދިޔަ މަނީޝް ޗައުދަރީ ވެސް ވަނީ މުހިންމު ރޯލަކުން ގުޅިފައެވެ.

"ކެޕްޓަން އިންޑިއާ" އަށް ފިލްމީ ދާއިރާގައާއި ބެލުންތެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުންދާ އެންމެ ބޮޑު ސަބަބަކީ 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަހު ޑައިރެކްޓަރު ޝިމިތު އަމީން އެނބުރި އައުމެވެ. އޭނާއަކީ "އަބް ތަކް ޗައްޕަން" (2004)، "ޗަކް ދޭ! އިންޑިއާ" (2007) އަދި "ރޮކެޓް ސިންގް: ސޭލްސްމޭން އޮފް ދަ އިޔާ" (2009) ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ހުނަރުވެރި ޑައިރެކްޓަރެކެވެ. މިއީ އޭނާ ފިލްމު ޑައިރެކްޝަނަށް ރަސްމީކޮށް އެނބުރި އަންނަ ފިލްމެވެ.

ހަރމަން ބަވޭޖާގެ "ބަވޭޖާ ސްޓޫޑިއޯސް" އަދި ބުޝަން ކުމާރުގެ "ޓީ-ސީރީޒް" ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމަކީ ހަނގުރާމައިގެ ހާލަތެއްގައި އޮތް ގައުމަކުން މީހުން ސަލާމަތްކުރުމަށް އިންޑިއާއިން ހިންގި ވަރުގަދަ މިޝަނެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ކާތިކް އަދާކުރާނީ މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވެ، ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ޕައިލެޓެއްގެ ރޯލެވެ.

މިހާރު ކަބީރު ޚާންގެ ސްޕޯޓްސް ޑްރާމާގެ މަސައްކަތް ކުރަމުން އަންނަ ކާތިކް، ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާގައި އެ ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު"ކެޕްޓަން އިންޑިއާ"ގެ މަސައްކަތްތަކަށް ހުސްވާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު