ނޭކުރެނދޫގައު ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް، ފޮޓޯ: އިންފްރާސްޓްރަކްޗަރ މިނިސްޓްރީ
ނޭކުރެނދޫގައު ގާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް، ފޮޓޯ: އިންފްރާސްޓްރަކްޗަރ މިނިސްޓްރީ
ހދ. ނޭކުރެންދޫގައި ސަރުކާރުން ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ އެންމެހައި މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫއަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީއާއި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަސައްކަތް ކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކާ ހަވާލުކޮށްގެންނެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ނިޒާމުގެ ޓެސްޓިން މަރުހަލާ މިހާރު ވަނީ އެއްކޮށް ފުރިހަމަކޮށްފައެވެ. އަދި ދެން އެންމެ އަވަހަށް ކުރިއަށްދާނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ގޮތުން މި ނިޒާމު ހިންގާނެ އޮޕަރޭޓަރާ ރަސްމީކޮށް ހަވާލުކުރުމުގެ މަސައްކަތް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ނޭކުރެންދޫގައި ގާއިމުކުރެވުނު މި ފުރިހަމަ ނިޒާމުގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ގިނަ ވަސީލަތްތަކެއް ވަނީ ހިމަނާފައެވެ. އެގޮތުން، ފެން ޓެސްޓުކުރާ ސާމާނާއެކު ލެބޯޓަރީއަކާއި އޮފީސް ޖާގަ ހިމެނޭ އިމާރާތެއް ވަނީ ބިނާކޮށްފައެވެ. މީގެއިތުރުން ކަރަންޓު ޚަރަދު ކުޑަކުރުމުގެ ގޮތުން 30 ކިލޯވޮޓުގެ ސޯލާ ޕެނަލް ހަރުކޮށް، އާރުއޯ ޕްލާންޓް ބަހައްޓާނެ ޚާއްސަ އިމާރާތެއްވެސް ވަނީ ގާއިމުކޮށްފައެވެ.

ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދެ ބޯހޯލް ތޮރުފައި، ދުވާލަކު 30 ޓަނުގެ ފެން އުފެއްދޭ ދެ އާރުއޯ ޕްލާންޓް ވަނީ ބަހައްޓާފައެވެ. އަދި ބޯފެން ރައްކާކުރުމަށް 135 ޓަނުގެ ދެ ޓޭންކާއި، ވާރޭފެން ރައްކާކުރުމަށް 200 ޓަނުގެ ޓޭންކެއް ގާއިމުކޮށްފައިވެއެވެ. ނަރުދަމާގެ ނިޒާމަށް ބަލާއިރު، ތިން ޕަންޕިން ސްޓޭޝަނާއެކު ޒަމާނީ ސުވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ވަނީ ގާއިމުކޮށްފައެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއުގެ ދަށުން ރަށުގެ އެކި ސަރަހައްދުތަކަށް 13.1 ކިލޯމީޓަރުގެ ފެނުގެ ވިއުގައަކާއި، 10.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ އަޅާފައެވެ. މީގެ އިތުރުން ސީ-އައުޓްފޯލް އެޅުމާއި، ރަށުގެ ގޭބީސީތަކާއި އެހެނިހެން އިމާރާތްތަކުގައި ޗެކްޕިޓް ބެހެއްޓުމާއި، ފެން މީޓަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ވަނީ އެއްކޮށް ނިންމާލާފައެވެ.

މި މަޝްރޫއު ނިމުމާއެކު، ނޭކުރެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ލިބި، ރަށުގެ އާންމު ސިއްހަތާއި އިޖުތިމާއީ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު