ފޮޓޯ: ޒަކާތު ހައުސް
ފޮޓޯ: ޒަކާތު ހައުސް
މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު ފައިސާގެ އަދަދު 31 އިންސައްތަ އިތުރުވެފައިވާކަމަށް އެ އިދާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކުރާ ދައުލަތުގެ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖުލައި މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ވޭތުވެދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12.07 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ ޖުލައި މަހު އެ އަދަދު ވަނީ 17.3 މިލިއަން ރުފިޔާއަށް އަރައިފައެވެ. މިއީ 5.2 މިލިއަން ރުފިޔާ ނުވަތަ 43.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ޖުމްލަ ފައިސާ ވަނީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 23.4 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެއީ ޖުމްލަ 31 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، ބޭރު ފައިސާއިން މުދަލު ޒަކާތް ދެއްކި މިންވަރުވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު މިންވަރަކަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަހު ބޭރު ފައިސާއިން ޒަކާތުގެ ގޮތުގައި 4،184 ޑޮލަރު ލިބިފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 33،388 ޑޮލަރަށް އުފުލިފައެވެ. މިއީ 697 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީވެސް ވަނީ އިތުރުވެފައެވެ. ނިމުނު އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 20.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބުނުއިރު، މި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ ވަނީ 2.28 ބިލިއަން ރުފިޔާއިން އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު