ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ ހޯމްލޭންޑް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރެއްވުން
ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ ހޯމްލޭންޑް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރެއްވުން
މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިން ދިރިއުޅޭ ރަށް ކަމަށްވާ ނ. މަނަދޫއަށް މިނިސްޓަރާއި ސީޕީ ވަޑައިގެންނެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އާއިލާއަށް ޚާއްޞަ މެސެޖެއް ރައްދުކޮށްދެއްވާފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ސަރުކާރު އާއިލާއާއެކު ވާކަން ހާމަކުރައްވައި، ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ކުރިއަށްގެންދަވާ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މީގެއިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، ސާޖަންޓް ޢަލީ ނާފިޢު ޤައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ގެއްލުމާ ގުޅިގެން އާއިލާއަށް ކުރިމަތިވެފައިވާ ހިތާމައިގައި މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި ނާފިޢުގެ ޚިދުމަތުގެ ރޫހަށް ތައުރީފުކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ. ސީޕީ އިތުރަށް ވިދާޅުވީ، ނާފިޢު ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ހެޔޮދުޢާ އަބަދުވެސް އާއިލާއާއެކުވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމަށެވެ.

މި ހިނގާ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ވެސް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ސާޖަންޓް ޢަލީ ނާފިޢުގެ އަނބިކަނބަލުންނާއި ދަރިކަލުންނާ ބައްދަލުކުރައްވައި، ހާލު ބައްލަވާލައްވާފައެވެ.

މި ހާދިސާއަކީ 2026 އޮގަސްޓް 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު އޮގަސްޓް 5 ވަނަ ދުވަހުގެ ރޭ ލިބުމާ ގުޅިގެން ހިނގި ހާދިސާއެކެވެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަންގައި ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އެވެ. މި ފަރާތްތައް ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު