މިނިސްޓަރު ޢަލީ ޝަރީފު
މިނިސްޓަރު ޢަލީ ޝަރީފު
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިވަގުތު ހިންގަމުންދާ އިޔާދަކުރަނިވި ހަކަތައިގެ ގިނަ މަޝްރޫޢުތަކުގެ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމައި ޚިދުމަތަށް ގެނެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގެ ހަކަތައިގެ ޤާބިލުކަން އިތުރުކޮށް ތިމާވެއްޓާ ރައްޓެހި ނިޒާމުތަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ހަކަތައިގެ ސިޔާސަތަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނައުމަށް އަމާޒު ހިފާފައެވެ. އެގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ޖުމްލަ ކަރަންޓުގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ސަރުކާރުން ވަނީ ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ވެރިކަންކުރާ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު މަޝްރޫޢުތައް މިހާރުވެސް ދަނީ ހަލުވި ދުވެލީގައި ހިންގަމުންނެވެ.

މި މަޝްރޫޢުތަކުގެ ތަފްޞީލު ހާމަކުރައްވަމުން މިނިސްޓަރު ޢަލީ ޝަރީފު ވިދާޅުވީ، މިދިޔަ ހަފުތާގެ ތެރޭގައި ރ. އަތޮޅުގައި 6.5 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ޤާއިމުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. އަދި 'އެރައިސް' މަޝްރޫޢުގެ ދަށުން 11 މެގަވޮޓުގެ ސޯލާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބ. އޭދަފުށީގައި ގާއިމުކުރި 1.2 މެގަވޮޓުގެ ނިޒާމު މިހާރު ވަނީ އެއްކޮށް ނިންމައި އޮޕަރޭޝަނަށް ގެނެސްފައެވެ.

މީގެ އިތުރުން 14.5 މެގަވޮޓުގެ މަޝްރޫޢެއް ބަޔަކާ ޙަވާލުކޮށްގެން ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި، އައްޑޫ ސިޓީއަށް ޚާއްޞަކޮށްގެންވެސް ފުޅާ ދާއިރާއެއްގައި މިފަދަ މަޝްރޫޢެއް ހިންގުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރު ރޭވިފައިވާ މަޝްރޫޢުތަކަށްވުރެ މާ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ މަޝްވަރާތައް މިހާރުވެސް ދަނީ ކުރެވެމުންނެވެ. އަދި އަމާޒަކީ މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްގެންގޮސް، އަންނަ އަހަރުގެ ނިޔަލަށް ގިނަ މަޝްރޫޢުތައް އިފްތިތާޙުކޮށް ނިންމާލުމެވެ.

މިޖިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މިހާރު ކުރިއަށްދާ އަދި ރޭވިފައިވާ ހުރިހާ މަޝްރޫޢުތައް ނިމުމުން، ޤައުމީ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޭނުންވާ 330 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތަ ޤައުމީ ވިއުގައަށް އިތުރުކުރެވޭނެއެވެ.

މި ދާއިރާއިން ކުރިއަށްދާ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، ރ. އަދި ބ. އަތޮޅުގެ 26 ރަށެއްގައި 6.5 މެގަވޮޓްގެ ހައިބްރިޑް ނިޒާމު މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި ކުޅުދުއްފުށި، އޭދަފުށި، ހިންނަވަރު، ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭހެން 11 މެގަވޮޓުގެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ކ، އއ، އދ، އަދި ވ. އަތޮޅުގެ 23 ރަށެއްގައި 5.88 މެގަވޮޓްގެ ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

މީގެއިތުރުން 18 ރަށެއްގައި 40 މެގަވޮޓް އަވަރގެ ބެޓެރީ ސްޓޯރޭޖް ޤާއިމުކުރުމުގެ ޑިޒައިން ރިވިއު މަރުޙަލާ ކުރިއަށްދާއިރު، އެހެން 13 ރަށެއްގައި 14.5 މެގަވޮޓްގެ ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ބަޔަކާ ޙަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު