އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ފޮޓޯ: ރައީސް އޮފީސް
އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެތެރޭގައި ޑޮލަރުން މުސާރަ ދިނުމާއި އެކި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުން ހުއްޓާލައި، އެތެރޭގެ ހުރިހާ މާލީ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް 2030 ވަނަ އަހަރާ ހަމައަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މައިގަނޑު އެއް އަމާޒު ކަމަށް އެ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރަމުން އަންނަނީ ގާތްގަނޑަކަށް 40 އަކަށް ނުވަތަ 50 އަކަށް އަހަރު ވެފައިވާ ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން މިއީ އެއްރެއިން އަނެއްރެއަށް ނުވަތަ ކުއްލިއަކަށް ގެނެވޭނެ ބަދަލެއް ނޫން ކަމަށާއި، މި ބަދަލު ގެނައުމަށް ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި، 2030 އާ ހަމައަށް ދާއިރު އެތެރޭގެ މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ މީގެ ކުރީގެ ގަވަރުނަރުން ވެސް ގެންގުޅުއްވި މުހިންމު ތަސައްވުރެކެވެ. މި ބަދަލުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެއާޕޯޓްތަކަށާއި ސަރުކާރަށް ދައްކަންޖެހޭ ކުލީގެ އިތުރުން، އަމިއްލަ ކުންފުނިތަކާއި ރިސޯޓުތަކުން މުވައްޒަފުންނަށް ޑޮލަރުން ދެމުން އަންނަ މުސާރަތައް ވެސް ރުފިޔާއަށް ބަދަލުކުރުން ހިމެނެއެވެ. އަދި ދިވެހި ފައިސާއަށް އޮންނަ ޑިމާންޑް އިތުރުކުރެވެން އޮތީ މިފަދަ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ މަނިޓަރީ ހާލަތަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ފާހަގަކުރެއްވީ، ރާއްޖޭގެ ޖުމްލަ ފައިސާގެ ސަޕްލައިގެ 40 އިންސައްތައަށް ވުރެ މަތީގައި އަދިވެސް ބޭނުންކުރެވެމުންދަނީ ބޭރު ފައިސާ ކަމަށެވެ. މީގެ ސަބަބުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެންމެ އެދެވޭ ގޮތުގައި ތަންފީޒު ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި، މިކަން ހައްލުކުރުމަށްޓަކައި މެކްރޯ އިކޮނޮމިކް އަދި ބަޖެޓުގެ ސިޔާސަތުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން އިގުތިޞާދު އެއް ހަމައެއްގައި ހިފަހައްޓަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މާލީ ނިޒާމު ކުރިމަގުގައި ބައްޓަންކުރުމުގެ ވިސްނުމަކީ "މެނޭޖްޑް ފްލޯޓިން" އެކްސްޗޭންޖް ރޭޓް ނިޒާމަކަށް ބަދަލުވުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. ނަމަވެސް، ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އެކަން ކާމިޔާބުވަނީ މަރުކަޒީ ބޭންކުގައި އެކަށީގެންވާ ވަރުގެ ބޮޑު ރިޒާވެއް އޮވެގެން ކަމަށްވާއިރު، ރާއްޖޭގައި ވެސް މަދުވެގެން ތިން މަސް ނުވަތަ ހަތަރު މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރަސްމީ ރިޒާވެއް ހުންނަންޖެހޭ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ، ސަރުކާރާއި އެމްއެމްއޭ ގުޅިގެން މިހާރު ކަނޑައަޅާފައިވާ އަމާޒުތަކާއެކު، ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި އެ މިންވަރަށް ގައުމީ ރިޒާވް މަތިކުރެވޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށެވެ. އަދި އެ ހިސާބަށް ވާސިލުވެވުމުން، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށާއި މާލީ ނިޒާމަށް ގެންނަން ބޭނުންވާ ޖުމްލަ އިސްލާހީ ބަދަލުތައް ފުރިހަމަކުރެވިގެންދާނެ ކަމަށް ވެސް ގަވަރުނަރު މުނައްވަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް