އިންޒާރު ޖަހާފައިވާ ސިނގިރޭޓު ފޮށިތަކެއް- ފޮޓޯ: ވޮކްސް.ކޮމް
އިންޒާރު ޖަހާފައިވާ ސިނގިރޭޓު ފޮށިތަކެއް- ފޮޓޯ: ވޮކްސް.ކޮމް
ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންނަށް، އިތުރު ޑިކްލަރޭޝަނެއް ހުށަހެޅުމަކާ ނުލައި އަމިއްލަ ބޭނުމަށް ވަކި މިންވަރަކަށް ދުންފަތުގެ ބާވަތްތައް އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމާ ބެހޭ އުސޫލަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބަދަލުތަކެއް ގެނެސް، އަމަލުކުރަން ފަށައިފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ދަތުރުވެރިންނާއި އަމިއްލަ ފަރާތްތަކުން ގެންނަ ތަކެތިން ޑިއުޓީ މައާފުކުރުމުގެ ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހުގެ ދަށުން، އުމުރުން 21 އަހަރުން މަތީގެ ކޮންމެ ދަތުރުވެރިއަކަށް ވެސް ގުޑްސް ޑިކްލަރޭޝަނަކާ ނުލައި 200 ސިނގިރޭޓު، 20 ސުއްޓާ އަދި އިތުރު ބަދަލެއް ނުގެނެސް ހުންނަ ހިއްކާފައިވާ 100 ގްރާމުގެ ދުންފަތް އެތެރެކުރެވޭނެއެވެ. އަދި މި އުސޫލުގެ ދަށުން ހީޓަޑް ޓޮބޭކޯ ހިމެނޭހެން، ސިނގިރޭޓާއި ސުއްޓާ ފިޔަވައި އެހެނިހެން ދުންފަތުގެ ބާވަތްތައް ބަލާނީ ގްރާމުން ކިރައިގެން ކަމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، އަމިއްލަ ބޭނުމަށް ދުންފަތް އޮޅައިގެން ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ބައެއް އާލާތްތައް ވެސް ޑިކްލަރޭޝަނަކާ ނުލައި އެތެރެކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އޭގެ ތެރޭގައި ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް ތައްޔާރުކުރެވޭ އަތްމަތީ ކުޑަ އެއް މެޝިނާއި، ދުންފަތް އޮޅަން ބޭނުންކުރާ 50 ކަރުދާހާއި، 50 ފިލްޓަރު އަދި 50 ހުސް ޓިއުބު ނުވަތަ ޕައިޕް ހިމެނެއެވެ. އަދި ފިލްޓަރާ އެކު ނުވަތަ ފިލްޓަރާ ނުލައި ހުންނަ ހުސް ޓިއުބާއި ޕައިޕް ގެންނަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ތަފްސީލު ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ ލުއިތަކެއް ދިން ކަމުގައި ވިޔަސް، ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކަށް މި ތަކެތި ދޫނުކުރުމަށް ގަވާއިދުގައި ވަނީ ލާޒިމުކޮށްފައެވެ.

އަދި އީ-ސިނގިރޭޓާއި، އީ-ލިކުއިޑްގެ އިތުރުން ޝީޝާއާއި ފްލޭވަރޑް ސިނގިރޭޓަށް އެއްވެސް ޑިއުޓީ އިނާޔަތެއް ނުލިބޭނެކަން ވެސް އުސޫލުގައި ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު