ހޫދު މުޙައްމަދު ޒާހިރު
ހޫދު މުޙައްމަދު ޒާހިރު
އައިއެސް ޖަމާޢަތުގެ ސެލްއެއް ރާއްޖޭގައި ހުރެގެން ހިންގާކަމަށް ތުހުމަތުކޮށް ދަޢުލަތުން ދަޢުވާ އުފުލާފައިވާ ހޫދު މުޙައްމަދު ޒާހިރު 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފިއެވެ.

މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޕްރޮޕަގެންޑާ ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ވ. ދެލްވައްތަ ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް ފަސް ދައުވާއެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އުފުލާފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ދަޢުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ 18 އެޕްރީލް 2022 ގައެވެ.

ހޫދުގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ތާޢީދުކޮށް، އެ ޖަމާޢަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަރނެޓް މެދުވެރިކޮށް ފަތުރައި ޝާއިޢުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރު ދެމުންދާކަމުގެ ތުހުމަތެވެ.

ހޫދު ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް އޭނާއަކީ ޓެރަރިސްޓް ޖަމާޢަތަކާ ގުޅުންއޮތް މީހެއް ނޫން ކަމަށާއި ކޮމްޕިއުޓަރ ސައިންސް އެނގޭ މީހެއް ނޫންކަމަށް ބުނެފައެވެ. ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް 5 ދަޢުވާއެއް ކޮށްފައިވާއިރު މި ދަޢުވާތައް ސާބިތުވެ، އޭނާގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ.

ޙޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ސާބިތުވި ދަޢުވާތަކުގެ ތެރޭގައި ހިމެނެނީ، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުން 15 (ފަނަރަ) އަހަރަށް ޖަލަށްލުމަށާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުން 5 (ފަހެއް) އަހަރަށް ޖަލަށްލުމަށާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުމުން 3 (ތިނެއް) އަހަރަށް ޖަލަށްލުމަށެވެ.

އެ ޙުކުމްތައް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިހާރު ވަނީ އިސްތިއުނާފް މައްސަލަ ބަލައިގެންފައެވެ.

އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައެޅި ދައުވާތަކުގެ ތެރޭގައި ހިމެނެނީ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި، އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާއެވެ.

އެފްބީއައި އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައިއެސް ޖަމާއަތަށް ވާގިވެރިވާކަމަށް ތުހުމަތުކޮށް ހޫދު ރާއްޖެއިން ހައްޔަރު ކޮށްފައިވަނީ 2022 ޖަނަވަރީ މަހުގެ 06 ވަނަ ދުވަހުއެވެ. ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ހޫދަކީ އައިއެސް ޖަމާއަތުގެ މީޑިއާ ކެމްޕޭންތައް ހިންގާ މީހެއް ކަމަށެވެ. އޭނާ ވަނީ ޔޫރަޕްގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށާއި ޔޫރަޕްގެ ލީޑަރުން މަރަން ގޮވާލާފައި ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު