ރާއްޖޭގެ ރިސޯޓެއްގެ މުވައްޒަފުން ގެސްޓުން ރިސީވް ކުރަނީ، ފޮޓޯ: ދަ އެރައިވަލް
ރާއްޖޭގެ ރިސޯޓެއްގެ މުވައްޒަފުން ގެސްޓުން ރިސީވް ކުރަނީ، ފޮޓޯ: ދަ އެރައިވަލް
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މި ފަހުން ގެނައި އިސްލާހުތަކާ ގުޅިގެން، ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ދިނުން ހުއްޓާލަން ނިންމަމުންދާތީ އެކަމާ ދެކޮޅަށް ރިސޯޓު މުވައްޒަފުންގެ ފަރާތުން ބޮޑު ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މި ހަރަކާތަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އިސްނަގައިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. ޓީމްއިން މައުލޫމާތު ދޭ ގޮތުގައި އެ ޖަމިއްޔާ ތަމްސީލުކުރާ ހުރިހާ މެންބަރު ރިސޯޓުތަކުގެ މުވައްޒަފުން މިހާރު ވަނީ މި ޕެޓިޝަނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ނިންމައި، ސޮއިކުރުމުގެ މަސައްކަތް ފަށާފައެވެ.

މި ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރައާއި ސާވިސް ޗާޖު ލިބުން ހުއްޓުވާލުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވަގުތުން ހުއްޓާލުމަށެވެ.

މި މައްސަލަ ހޫނުވެފައި މިވަނީ، ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ ތެރެއިން 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން މަޖުބޫރުކޮށް، އަދި މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެފަދަ އަގުތައް އާންމުކުރުން މަނާކުރާ ބިލެއް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

މި ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޓީމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ނިންމުމުގެ ސަބަބުން ރިސޯޓު މުވައްޒަފުންގެ އަތްމައްޗަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށްވެ، އެ މީހުން މާލީ ގޮތުން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާންޖެހޭނެ ކަމަށެވެ. އަދި ރާއްޖެއަށް ޑޮލަރު ލިބުމުގައި ދަތިތައް ކުރިމަތިވެފައިވަނީ ސަރުކާރުތަކުގެ ދޯހަޅި ސިޔާސަތުތަކާއި ސިޔާސީ ނިންމުންތަކުގެ ސަބަބުން ކަމަށްވާއިރު، އޭގެ ގެއްލުމާއި ބުރަ އެއްވެސް ކުށެއް ނެތް އާދައިގެ މަސައްކަތްތެރިން އުފުލަންޖެހުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި މި ބަދަލުތަކާ ގުޅިގެން ހަމައެކަނި މުވައްޒަފުންގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާތައް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މަޓާޓޯ އަދި މި ދާއިރާގެ އިސް ފަރާތްތަކުން ވެސް އަންނަނީ ފާޅުކަން ބޮޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު