ހާނިޔާ ކާޝިފް
ހާނިޔާ ކާޝިފް
ބަންގްލަދޭޝްގެ ބާރިޝާލް ޑިސްޓްރިކްޓްގެ ގޯރްނާދީއަށް ނިސްބަތްވާ ޢުމުރުން 13 އަހަރުގެ މުޞްޢަބު ޙުސައިން، އެންމެ 73 ދުވަހުގެ (2 މަހާއި 13 ދުވަސް) ތެރޭގައި މުޅި ކީރިތި ޤުރްއާން ހިތުދަސްކޮށް އާދަޔާޚިލާފު ކާމިޔާބީއެއް ހޯދާފައިވާއިރު، އެއަށްވުރެ މާ ހަގު އުމުރެއްގައި ޕާކިސްތާނުގެ ހާނިޔާ ކާޝިފް މިވަނީ އެންމެ 34 ދުވަހުން ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކޮށް ގިނަ ބަޔަކު ހައިރާންކޮށްލައިފައެވެ.

ޕާކިސްތާނުގެ މަޝްހޫރު އައިޓީ ވިއްސާރަދޫނި، މަރުޙޫމާ އަރްފާ ކަރީމްގެ ޢާއިލާއަށް ނިސްބަތްވާ، ޢުމުރުން 11 އަހަރުގެ ހާނިޔާ 2024 ވަނަ އަހަރު މިފަދަ ކުރު މުއްދަތެއްގައި ޤުރްއާން ހިތުދަސްކުރުމުގައި އެންމެ ބޮޑު ހިތްވަރަކަށްވީ، ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ އޭނާގެ އެއްބަނޑުއެއްބަފާ ބޭބެއިންނާއި ދައްތައިންނެވެ.

ހާނިޔާ ހާމަކުރި ގޮތުގައި، ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކުރުމުގެ ތައުފީޤު ދެއްވުން އެދި އޭނާ ވަނީ މަދީނާގެ އަލްމަސްޖިދުއްނަބަވީގައި ޚާއްޞަ ދުޢާއެއް ކޮށްފައެވެ. އަދި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރްއާން ކިޔެވުމުގެ އެންމެ ފަހު ފިލާވަޅު އޭނާ ނިންމާލާފައިވަނީ ވެސް އަލްމަސްޖިދުއްނަބަވީގައެވެ.

ހާނިޔާގެ އެދުރުއެދުރު، ޙާފިޡް ޢިރްފާނުލް ޙައްޤު ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ 40 އަހަރުގެ ދިގު ކިޔަވައިދިނުމުގެ ޙަޔާތުގައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި ޤުރްއާން ހިތުދަސްކުރި ފުރަތަމަ އަދި ހަމައެކަނި ދަރިވަރަކީ ހާނިޔާއެވެ. އަދި މިއީ އޭނާއަށް ވެސް ލިބުނު ވަރަށް މަތިވެރި ޝަރަފެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

މިފަދަ ކާމިޔާބީތަކަކީ މުޅި އިސްލާމީ އުންމަތަށް ވެސް ލިބިގެންދާ ފަޚުރެކެވެ. އުފަލާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ވެސް ވަރަށް ޅަފަތުގެ ޢުމުރުގައި ކީރިތި ޤުރްއާން އެއްކޮށް ހިތުދަސްކުރަމުންދާ ދަރިވަރުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަމެވެ. މިއީ ދިވެހި މުޖުތަމަޢުގައި ޤުރްއާނަށް އޮތް ޚާއްޞަ ލޯތްބާއި ޝައުޤުވެރިކަން ދައްކުވައިދޭ ވަރަށް އުފާވެރި މަންޒަރެކެވެ.



ކިޔުންތެރިންގެ ހިޔާލު