އެސްޓީއޯ މައި އޮފީސް
އެސްޓީއޯ މައި އޮފީސް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ދެ ސްކޮލާޝިޕެއް ތައާރަފުކޮށްފިއެވެ.

މިއަދު ފާހަގަ ކުރަމުންދާ ޤައުމީ އިންޖީނިއަރުންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ހިންގި ހަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އިންޖިނިއަރިން ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންނަށެވެ. އެގޮތުން އެސްޓީއޯގެ ޓްރެއިނިންގ އިންސްޓިޓިއުޓްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އިންޖިނިއަރިންގްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ހާއްސަ އިވެންޓެއް ވަނީ ބާއްވާފައެވެ.

މި އިވެންޓު ޝަރަފުވެރި ކޮށްދެއްވީ އެމްއެންޔޫގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީ އެވެ. އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ގެ އިތުރުން އެ ކުންފުންޏާއި ޔުނިވަރސިޓީގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ކުރަމުންދާ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ.

އެސްޓީއޯ އިން އަލަށް ތައާރަފުކުރި ދެ ސްކޮލާޝިޕަކީ ކޮންކްރީޓް ޓެކްނޮލޮޖީގެ ދާއިރާއަށާއި އެލެވޭޓާ އިންސްޓޯލޭޝަންގެ ދާއިރާއަށް ހާއްސަކޮށްފައިވާ ފުރުސަތުތަކެކެވެ. މީގެ ތެރެއިން ކޮންކްރީޓް ޓެކްނޮލޮޖީގެ ސްކޮލާޝިޕަކީ އިންޖިނިއަރިން ދާއިރާއިން އަންޑަ ގްރެޖުއޭޓްވާ ދަރިވަރުންނަށް ހުޅުވާލެވޭ، ރާއްޖެއިން ބޭރުގެ ޔުނިވާސިޓީއަކުން އެއް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭ ޕްރޮގްރާމެކެވެ.

ދެވަނަ ސްކޮލާޝިޕް އެލެވޭޓާ އިންސްޓޯލޭޝަނަށް ހާއްސަކުރީ، ދުނިޔޭގެ މަޝްހޫރު "ކޯނޭ" ބްރޭންޑްގެ އެލެވޭޓާ ރާއްޖޭގައި ޑިސްޓްރިބިއުޓް ކުރަނީ އެސްޓީއޯ ކަމަށްވާތީ، މި ދާއިރާއިން ހުނަރުވެރި ދިވެހިން ބިނާކުރުމުގެ މަގުސަދުގައެވެ. މި ފުރުސަތު ފަހިކޮށްދެނީ "ކޯނޭ އެކަޑެމީ" އާ ގުޅިގެންނެވެ.

މި އިވެންޓުގެ އިތުރުން، ބައިވެރިވި ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ސައިޓް ވިޒިޓްތަކެއް ވެސް ކުރިއަށް ގެންދިޔައެވެ. އެގޮތުން އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށާއި، ކޮންކްރީޓް ލެބަށް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތައް ދަރިވަރުންނަށް ދައްކާލިއެވެ. އަދި މަކިޓާ ޝޯރޫމާއި، ނިޕޯން ޕެއިންޓްގެ ކަލަރ މިކްސިންގ ޓެކްނޮލޮޖީ މަސައްކަތްކުރާ ސަރަހައްދުގެ އިތުރުން، އެލެވޭޓާ/ލިފްޓް އިންސްޓޯލްކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާ ސައިޓަކަށް ޒިޔާރަތްކޮށް، އެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ދަރިވަރުންނަށް އޮޅުންފިލުވައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު