ރައީސް ޑރ. މުހައްމަދު މުޢިއްޒު
ރައީސް ޑރ. މުހައްމަދު މުޢިއްޒު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ބޭރު ފައިސާ ވިއްކުމާއި އެފަދަ އަގުތައް ޝާއިއުކުރުން މަނާކޮށް، އަދި ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން ލާޒިމުކުރާ ގޮތަށް އެކުލަވާލި ބޭރު ފައިސާއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ބިލުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެހެން ހަ ބިލެއް ވެސް އެމަނިކުފާނު ވަނީ ތަސްދީގުކުރައްވާފައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ބިލު ފުރަތަމަ ހުށަހެޅިއިރު އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ރިސޯޓުގެ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށެވެ. ނަމަވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މި ބިލު ދިރާސާކޮށް ގެނައި އިސްލާހުތަކާއެކު، ކޮންމެ މަހަކު އެއްފަހަރު ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ.

މީގެ އިތުރުން މާލިއްޔަތު ކޮމިޓީން ގެނައި އަނެއް މުހިންމު އިސްލާހަކީ، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން ހުއްޓުވުމެވެ. އެގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި މާއްދާއާ ހިލާފުވާ އާންމު ފަރުދުން 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު، ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން މިފަދަ މައުލޫމާތެއް އާންމުކޮށްފިނަމަ 100،000 ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި މިފަދަ އަމަލެއް ހިންގުމަކީ އެހެން ގާނޫނެއްގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށަކަށް ވާނަމަ، އިދާރީ ފިޔަވަޅު އެޅުމުގެ އިތުރަށް ޖިނާއީ ދައުވާ އުފުލުމުގެ އިހްތިޔާރު ވެސް ކަމާބެހޭ މުއައްސަސާތަކަށް ވަނީ ދީފައެވެ.

މި އިސްލާހުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވެސް ގެންނަން ނިންމަވާފައިވާ ކަމަށް ކުރިން އިއުލާނުކުރައްވާފައިވާ މުހިންމު ބަދަލުތަކެކެވެ. މިއަދު މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ ގުޅިގެން މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު