އޭޝިއަން ކަޕް ޗައިނާ 2027 ގެ ކޮލިފިކޭޝަން މަރުހަލާގައި ކުޅުނު ފުރަތަމަ މެޗަށް ފަހު ރާއްޖެ ޓީމު އުފާ ފާޅު ކުރަނީ
އޭޝިއަން ކަޕް ޗައިނާ 2027 ގެ ކޮލިފިކޭޝަން މަރުހަލާގައި ކުޅުނު ފުރަތަމަ މެޗަށް ފަހު ރާއްޖެ ޓީމު އުފާ ފާޅު ކުރަނީ
އޭއެފްސީ އަންޑަރ-20 އޭޝިއަން ކަޕް ޗައިނާ 2027 ގެ ކޮލިފައިންގެ ޑެވަލޮޕްމަންޓް މަރުހަލާގައި ދިވެހިރާއްޖޭގެ ޒުވާން ގައުމީ ފުޓުބޯޅަ ޓީމުން ކުޅުނު ފުރަތަމަ ކުރިމަތިލުމުގައި ބުރުނާއީގެ މައްޗަށް 2-0 އިން ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ.

މިޔަންމާގެ ޔަންގޯންގައި ކުޅެވުނު މި މެޗު ފަށައިގެން ދިވެހި ޒުވާނުން ވަނީ މޮޅު ކުޅުމެއް ދައްކައި، މެޗުގެ ފުރަތަމަ ހާފުގައި އިދިކޮޅު ޓީމު މައްޗަށް ބާރުފޯރުވާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ރާއްޖެއަށް ލީޑު ނަގައިދިނީ އީތަން އިބްރާހީމް ޒަކީއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން، ބުރުނާއީގެ ގޯލްކީޕަރު ސަފްވާން އަފްލީ ޝަހްރީން ނުކުޅެދުމެއްގެ ތެރެއަށް ވައްޓާލުމަށްފަހު ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ރާއްޖޭގެ ޓީމުން ދައްކަމުންދިޔަ މޮޅު ކުޅުމުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 31 ވަނަ މިނެޓުގައި ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކުރިއެވެ. މި ލަނޑަކީ ވާތްފަރާތު އަރިމަތިން ނައްސާހު އިބްރާހީމް ނާސިރު ހުރަސްކޮށްދިން ބޯޅައެއް، ހުޝިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މުޙައްމަދު އިލާން އިމްރާން ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ހާފުގައި ބުރުނާއީން ނަތީޖާ އަނބުރާލަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ރާއްޖޭގެ ޑިފެންސް ލައިނުން ވަނީ އެ ފުރުސަތުތައް ހުއްޓުވައި، ލީޑު ދަމަހައްޓާފައެވެ.

މި ފަހަރުގެ ކޮލިފިކޭޝަން ބާއްވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބައި ނުވަތަ "ޑިވެލޮޕްމަންޓް ފޭސް" ޚާއްސަކޮށްފައިވަނީ ފީފާ ރޭންކިންގެ ފަހަތުގައިވާ ގައުމުތަކަށެވެ. އަދި ދެވަނަ ފިޔަވަހި ކުޅޭނީ ރޭންކިންގެ ގޮތުން ކުރީގައި އޮތް ގައުމުތަކެވެ. މި ޑިވެލޮޕްމަންޓް ފޭސްގެ ގްރޫޕުތަކުން އެންމެ ކުރި ހޯދާ ޓީމުތަކަށް، އަންނަ އަހަރު ބާއްވާ ކޮލިފިކޭޝަންގެ މައި ފިޔަވައްސަށް ދަތުރުކުރުމުގެ ފުރުސަތު ތަނަވަސްވާނެއެވެ.

ޔަންގޯންގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ އަވަށްޓެހި ސްރީލަންކާއާއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ގްރޫޕުގެ އެންމެ ފަހު މެޗުގައި ސެޕްޓެންބަރު 6 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ މިޔަންމާއާ ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް