ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި އެ ރަށުގެ އާބާދީގެ ހިސާބުތައް އޮޅުވާލާފައިވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޖިނާއީ ދެ ދަޢުވާއެއް އުފުލައި ކޯޓަށް ހުށަހަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައެވެ.

މި މައްސަލައަކީ ތިނަދޫ ސިޓީއަކަށް ބަދަލުކުރީ ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ 2024 ވަނަ އަހަރު މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ހުށަހެޅުއްވި މައްސަލައެކެވެ. މި މައްސަލައިގެ ތަހުޤީޤަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީ ވަނީ އެ ރަށު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޚާއްސަ ޓީމެއް ތިނަދުއަށްގޮސް، ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުންގެ ބަޔާންވެސް ވަނީ ނަގާފައެވެ. އަދި އޭސީސީގެ ޓީމަކުން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެ، އެ ތަން ފާސްކޮށް މައްސަލައާ ގުޅުންހުރި ބައެއް މުހިންމު ލިޔެކިޔުންތައް ވެސް ވަނީ ތަހުޤީޤުގެ ބޭނުމަށް ގެންގޮސްފައެވެ.

މި މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގުކޮށް ޕީޖީ އޮފީހަށް ހުށައެޅުމާ ގުޅިގެން ޕީޖީ އޮފީހުން މޭޔަރު ސައުދުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

އެގޮތުން، އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާ ސައުދުގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރުގެ (ii) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ (i) ގެ ދަށުންނެވެ. މި ދަޢުވާގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި ދަޢުވާ ކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ، ސަޢުދު ޢަލީ 17 މޭ 2021 ފެށިގެން ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުރެ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބުމަށް ފުރިހަމަވާންޖެހޭ 10،000 މީހުންގެ އާބާދީ ހަމަވާ ރަށެއްކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާތީއެވެ. އެގޮތުން 4 ސެޕްޓެންބަރު 2022 ގައި ލޯކަލް ގަވަރމަންޓު އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ލިޔުމުގައި މަރުވެފައިވާ މީހުންނާއި ޞައްޙަކަން ކަށަވަރު ނުކުރެވޭ މަޢުލޫމާތު ހިމަނާފައިވާތީ، ޞައްޙަ ލިސްޓެއް ހުށަހެޅުމަށް އެލްޖީއޭއިން އެންގުމުން، 14 އޮގަސްޓު 2023 ގައި އަލުން ފޮނުވި ލިސްޓުގައި އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނައި، ތިނަދޫގެ އާބާދީއަކީ 10،150 ކަމަށް ބުނެ ޞައްޙަނޫން ލިސްޓެއް ހިއްސާކޮށްފައިވާތީއެވެ.

ދެވަނަ ދަޢުވާއެއްގެ ގޮތުގައި ސައުދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 521 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުންނެވެ. މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން ބުނީ މި ދަޢުވާ އުފުލީ، ތިނަދޫ ކައުންސިލުން އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ޞައްޙަ ނޫން މަޢުލޫމާތު ހިއްސާކުރި މައްސަލައިގެ ތަޙުޤީޤަށް، އެލްޖީއޭއަށް ފޮނުވި އާބާދީ ލިސްޓުތައް ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދުމުން، އެ ލިސްޓުތައް ފުލުހުންނަށް ފޯރުކޮށްނުދީ، ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެފަދަ ލިސްޓެއް ދައުލަތުގެ އިދާރާތަކަށް ފޮނުވިކަން ރެކޯޑު ކުރެވިފައި ނުވާކަމަށް ބަޔާންކޮށް ފެކްސް މެސެޖެއް މެދުވެރިކޮށް ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީ ކަމަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ދެއްވީ 30 އޮގަސްޓް 2023 ގައި ކުރީގެ ރައީސް ޞާލިޙެވެ. ނަމަވެސް، ވެރިކަން ބަދަލުވުމަށްފަހު މިހާރުގެ ސަރުކާރުންވެސް ވަނީ ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނިންމަވައިފައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ބަޔާން ކޮށްފައިވަނީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވެނީ އެ ރަށެއްގެ ރަޖިސްޓްރީވެފައިވާ އާބާދީ 10،000 (ދިހަހާސް) އަށް ވުރެ މަތިވުމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު