ހޯމް މިނިސްޓަރު އަލީ އިހުސާން، ފޮޓޯ: ހޯމް މިނިސްޓްރީ
ހޯމް މިނިސްޓަރު އަލީ އިހުސާން، ފޮޓޯ: ހޯމް މިނިސްޓްރީ
ދިވެހިރާއްޖެއަށް އިޖުތިމާއީ އަދި އިގުތިސާދީ ފާގަތިކަމާއި ހަމަޖެހުން ލިބެން އޮތީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިގެން ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނާއި، މި ގައުމަށް އިންވެސްޓްކުރަން އަންނަ ފަރާތްތަކުގެ އިތުރުން ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންނަށް ވެސް އަމާން މާހައުލެއް ކަށަވަރުވެފައި އޮތުމަކީ ގައުމުގެ ހަމަޖެހުމާ ގުޅިފައިވާ އެންމެ މުހިންމު އަސާސް ކަމަށެވެ. އަދި މި ޒިންމާ އެންމެ އެދެވޭ ގޮތުގައި އަދާކުރުމުގެ ބުރަ މަސްއޫލިއްޔަތު އޮތީ ފުލުހުންގެ ކޮނޑުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ދައުރަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުން ކުރާ ކޮންމެ މަސައްކަތަކީ މުޖުތަމައު ހަލާކުގެ ތެރެއަށް ވައްޓާލާ ބޮޑެތި ވަބާތަކުން ގައުމު ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި، ގޭންގު ކުށްތަކުގެ އިތުރުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތަކާއެކު ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަކީ މި ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށާއި، ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، ފުލުހުންގެ އަމާޒަކަށް ވާންވާނީ ކުށް ކުރުމުގެ ކުރިން އެކަމުން މުޖުތަމައު ރައްކާތެރިކޮށް، ޒުވާނުންނަކީ ކުށުގެ ވެށިން ދުރުހެލިވެފައިވާ ޒިންމާދާރު ބަޔަކަށް ހެދުން ކަމަށެވެ.

އަދި ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައިވެސް ފުލުހުންގެ މުއައްސަސާއާ މެދު ބޮޑެތި އުއްމީދުތަކެއް ވާކަން ހަނދާންކޮށްދެއްވަމުން، އެއިން އެއްވެސް ރައްޔިތަކު މާޔޫސްވިޔަ ނުދީ، ރައްޔިތުންނަށް ހިތްހަމަޖެހުމާއި އަމާންކަން ހޯދައިދިނުމަށް އެންމެހައި ފުލުހުން އެއްބާރުލުން ދީގެން މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު