ލ.ގަމުގައި އަޅާ ހައުސިން ޔުނިޓުތައް، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ލ.ގަމުގައި އަޅާ ހައުސިން ޔުނިޓުތައް، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ ބޮޑުބައި ނިމި، މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.

މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، ދައުލަތުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ 95.5 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އެގޮތުން ހުރިހާ ޔުނިޓުތަކެއްގެ މައިގަނޑު އޮނިގަނޑުގެ މަސައްކަތްތައް އެއްކޮށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އިމާރާތްތަކުގައި ކުލަލުމާއި، ޓައިލްސް ޖެހުމުގެ އިތުރުން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ޒަމާނީ މަސައްކަތްތަކެވެ.

ރައްޔިތުންނަށް ދިރިއުޅެން ފަސޭހަވާނެ ފަދަ ޒަމާނީ ފަރުމާއަކަށް ތަރައްޤީކޮށްފައިވާ މި ހައުސިންގ ޔުނިޓުތަކަކީ 1،000 އަކަފޫޓުގެ ޖާގަ ތަނަވަސް ތަންތަނެވެ. ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި ހިމެނޭއިރު، ކޮންމެ ކޮޓަރިއަކަށް ޚާއްޞަ ފާޚާނާއެއް ހިމަނާފައިވެއެވެ. މީގެއިތުރުން ތަނަވަސް ސިޓިންރޫމަކާއި، ބަދިގެއާއި، ކާގެއާއި، ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއްވެސް ކޮންމެ އެޕާޓްމަންޓެއްގައި ވަނީ ހިމަނާފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ، މިހާރު ނިމުމަކާ ގާތްވެފައިވާ 100 ހައުސިންގ ޔުނިޓު ޚާއްޞަކުރާނީ ސީދާ އެ ރަށުގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ކަމަށެވެ. އަދި ރަށުން ބޭރުން މީހުން ބަދަލުކުރުމަށް މި ޔުނިޓުތަކުން އެއްވެސް ޖާގައެއް ދޫނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ގަމުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ގަމުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އިތުރު މަޝްރޫޢުތައް ވެސް ރޭވިފައިވާކަން ހާމަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިތުރު 100 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް މިހާރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން އެހެން ފަރާތަކާ ހަވާލުކޮށްގެން އިތުރު 100 ޔުނިޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި، ސަރުކާރުގެ މައިގަނޑު އަމާޒަކީ އެކި މަރުޙަލާތަކަކަށް ބަހާލައިގެން ޖުމްލަ 500 ހައުސިންގ ޔުނިޓު ގަމުގައި ތަރައްޤީކުރުން ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް