ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު
ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބު
މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އިންޖިނިއަރުންގެ އެވޯޑު ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެވޯޑެއް ދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު މިކަން ހާމަކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ، މާދަމާ ރޭ ބާއްވާ ހާއްސަ ހަފުލާގައި ހައުސިން މިނިސްޓަރު މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް އެވޯޑެއް އެރުވުމަށް ނިންމާފައިވާ ކަމަށް ބުނެ 'އަދަދު' ނޫހުން ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ.

އެ ހަބަރު ދޮގުކުރައްވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އިންޖިނިއަރިން އެވޯޑަކީ ވަކި އުސޫލުތަކެއްގެ މަތިން ގެޒެޓުކޮށް، އާންމުކޮށް ކުރިމަތިލުމަށް ހުޅުވާލައިގެން ދޭ އެވޯޑެއް ކަމަށެވެ. އަދި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅަނީ ހުށަހެޅުނު އެޕްލިކޭޝަންތައް މިނިވަން ކޮމިޓީއަކުން ވަޒަންކޮށް، އިންޓަވިއު ކުރުމަށްފަހު ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒަށް އެވޯޑެއް ދޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެފަދަ ހަގީގަތެއް ނެތް ހަބަރެއް ލިޔެފައިވަނީ ރައީސް ޑރ. މުއިއްޒަކީ މި ދާއިރާއިން ގައުމަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އެމަނިކުފާނަށް އެވޯޑު ހައްގުވާ ކަމަށް އެ ނޫހުން ގަބޫލުކުރާތީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޖިނިއަރިން ދާއިރާ ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހަކީ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ކަނޑައަޅައި، އެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. މާދަމާ ރޭ ބާއްވާ އިންޖިނިއާސް އެވޯޑު ހަފުލާއަކީ ވެސް މި ހަރަކާތްތަކުގެ ތެރެއިން ބާއްވާ ހާއްސަ ހަފުލާއެކެވެ.

މި ދާއިރާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ މިދިޔަ މަހުގެ 30 ގައި ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިންޖިނިއަރިންގެ ދާއިރާއަކީ ސައްތައިން ސައްތަ ހަމައެކަނި ދިވެހިން ހަރަކާތްތެރިވާ ފަންނީ ދާއިރާއަކަށް ހެއްދެވުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް