ރައީސް ނަޝީދު އާއި ފައްޔާޒް
ރައީސް ނަޝީދު އާއި ފައްޔާޒް
އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލަށް ތާއީދު ކުރަށްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނަށް ހާމަކުރަށްވައިފިއެވެ.

ރައީސް ނަޝީދު މިކަން ހާމަކުރެއްވީ ރޭ މާލޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ބޭފުޅަކު ވިދާޅުވީ، އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރަށްވާނެ ކަމަށާއި، އޭގެ ބަދަލުގައި ތާއީދު ކުރަށްވާނީ ފައްޔާޒަށް ކަމަށް ރައީސް ނަޝީދު ރޭވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ގަސްތެއް ނެތް ކަމަށް މީގެ ކުރިން ވެސް އެކި މަންސަތަކުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެމަނިކުފާނު ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށް އެމަނިކުފާނުގެ ބައެއް ސަޕޯޓަރުންނާއި އެމްޑީޕީގެ އިސްބޭފުޅުން އަދިވެސް ގަބޫލުކުރެއެވެ. ނަމަވެސް، ރޭ އެމަނިކުފާނު ވަނީ ފުރަތަމަ ފަހަރަށް ރަސްމީކޮށް ސަޕޯޓަރުންނާ ބައްދަލު ކުރަށްވައި، އެމަނިކުފާނުގެ ތާއީދު އޮތީ ފައްޔާޒަށް ކަން ސާފުކޮށްދެއްވާފައެވެ.

މި ބައްދަލުވުމުގައި ފައްޔާޒުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭން ފެށުމުގެ ތައްޔާރީތަކާ މެދުވެސް މަޝްވަރާ ކޮށްފައިވެއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިގްތިސާދީ ވަޒީރުކަން ކުރެއްވި ފައްޔާޒު ވަނީ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރަށްވާނެކަން އިއުލާނު ކުރަށްވާފައެވެ. އެމް.ޑީ.ޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ޕްރައިމަރީގައި ވާދަކުރަށްވާނެކަން ހާމަކުރައްވާފައެވެ. މަޢުލޫމާތު ލިބޭގޮތުން ރައީސް ސޯލިހު ވެސް ވަނީ އެމް.ޑީ.ޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރަށްވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް