އެމެރިކާފެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާފެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އަންނަ ނޮވެމްބަރު މަހު ބާއްވާ މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ އަޣުލަބިއްޔަތު ރިޕަބްލިކަން ޕާޓީއަށް ލިބިއްޖެ ނަމަ، އެމެރިކާގެ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް 5،000 ޑޮލަރުގެ "ޓްރަމްޕް ޑިވިޑެންޑް" އެއް ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފިއެވެ.

ޑެލަސްގައި ކުރިއަށްދިޔަ ރިޕަބްލިކަން ޕާޓީގެ މިޑްޓާމް ކޮންވެންޝަނުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ސިޔާސީ ގޮތުން ބޮޑު ސަމާލުކަމެއް ލިބުނު މި ހުށަހެޅުން ހުށަހަޅުއްވާފައެވެ.

މި ޕްލޭނަށް ގާތްގަނޑަކަށް 1.35 ޓްރިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، އެމެރިކާގައި އުމުރުން 18 އަހަރުން މަތީގެ ގާތްގަނޑަކަށް 270 މިލިއަން މީހުން ތިބެއެވެ.

ނަމަވެސް، މި ފައިސާ ދޫކުރާނެ ވަކި އުސޫލެއް ނުވަތަ މިއީ ގާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯއާ މެދު ސިޔާސީ އަދި ގާނޫނީ ދާއިރާގެ ބޭފުޅުންގެ މެދުގައި ވަނީ ސުވާލުތައް އުފެދިފައެވެ.

އެކެއްގަޑިއިރާއި 45 މިނެޓަށް ދެމިގެންދިޔަ މި ތަގުރީރުގައި ޓްރަމްޕް ވަނީ، އެމަނިކުފާނުގެ މަގުބޫލުކަން ދަށްވަމުންދިޔަ ނަމަވެސް، ވެރިކަމުގެ ފާއިތުވި ދެ އަހަރަކީ އެމެރިކާގެ ރިޔާސީ ތާރީޚުގައި ފެނުނު އެންމެ ކާމިޔާބު ދެ އަހަރު ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ މެދު އާންމުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން، ވަކި ފަރާތަކަށް ނުޖެހޭ "ސްވިންގް ވޯޓާސް" ގެ ތާއީދު މި ވައުދާއެކު ލިބޭނެކަމާމެދު މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދައެވެ.

"ޓްރަމްޕަޕަލޫޒާ" ގެ ނަމުން ނުރަސްމީކޮށް ނަންދެވިފައިވާ މި ކޮންވެންޝަނުގައި ނައިބު ރައީސް ޖޭޑީ ވެންސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިންތިޚާބަށް ބާކީ އޮތް އަށް ހަފުތާގެ ތެރޭގައި ވާދަވެރިކަން ބޮޑު ސްޓޭޓްތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވަމުން، ޓްރަމްޕް ވަނީ ގައުމުގެ މުސްތަގުބަލު ހަރުކަށި ވާތުފިޔައިގެ ޑިމޮކްރެޓުންގެ އަތްމައްޗަށް ދޫނުކޮށް، ރިޕަބްލިކަން ޕާޓީއަށް ވޯޓު ދިނުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު