ބައިވެރިޔާ ގުގުރިދަމާތީ އުނދަގޫވެފައި
ބައިވެރިޔާ ގުގުރިދަމާތީ އުނދަގޫވެފައި
ގުގުރިދަމާ ބައިވެރިއެއްގެ ކައިރީގައި ނިދުމަށްފަހު ހެނދުނު ހޭލާއިރު ސްޓްރެސްވުން، ސަމާލުކަން ކުޑަވުން ނުވަތަ ހަނދާންނެތޭ ގޮތްވުމަކީ ގިނަ ބަޔަކަށް ތަޖުރިބާކުރަން ޖެހޭ ކަމެކެވެ. ގުގުރިދެމުމަކީ ޢާންމު ކަމަކަށް ވާތީ، މިއީ އެއްވެސް ގެއްލުމެއް ނެތް އުނދަގުލެއް ކަމަށް ބަލައި ގިނަ ފަހަރަށް ފަރުވާނުކޮށް ދޫކޮށްލެވެއެވެ. ނަމަވެސް، ޞިއްޙީ މާހިރުން ހާމަކުރާ ގޮތުގައި ގުގުރިދަމާ މީހެއްގެ ކައިރީގައި ނިދުމަކީ ތިމާގެ ޞިއްޙަތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.

ދަތުގެ ނިދުމާ ބެހޭ ބޭސްވެރިކަމުގެ މާހިރެއް ކަމަށްވާ ޑރ. ކްލެއަރ ސައިމަން ވިދާޅުވި ގޮތުގައި، ގުގުރިދަމަނީ ނިދީގައި ނޭވާލާ ހޮޅީގެ މަތީބައިގައިވާ މަޑު މަސްތައް ތަޅުވައިގަތުމުގެ ސަބަބުންނެވެ. އިނގިރޭސިވިލާތުގެ "ބްރިޓިޝް ސްނޯރިންގ އެންޑް ސްލީޕް އެޕްނިއާ އެސޯސިއޭޝަން" (ބީއެސްއެސްއޭއޭ) އިން ބުނާ ގޮތުގައި އެ ޤައުމުގެ ބޮޑެތި މީހުންގެ %40 މީހުން ގުގުރިދަމާއިރު، މި މައްސަލަ އަންހެނުންނަށް ވުރެ ބޮޑަށް ކުރިމަތިވަނީ ފިރިހެނުންނަށެވެ. އަދި އެމެރިކާގެ "ސްލީޕް ފައުންޑޭޝަން" އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، ގުގުރިދަމާ ބައިވެރިން ތިބޭ މީހުންގެ %75 މީހުންގެ ނިދުމަށް މީގެ ނޭދެވޭ އަސަރު ފޯރައެވެ.

އެއިރޮކްސް ހެލްތުގެ ކޮންސަލްޓަންޓް އޯތޯޑޮންޓިސްޓް އަދި ނިދުމާ ބެހޭ މާހިރު ޕްރޮފެސަރ އަމާ ޖޯހަލް ފާހަގަކުރެއްވި ގޮތުގައި، ގުގުރީގެ ސަބަބުން ބައިވެރިޔާއަށް ކުރާ އަސަރު ބޮޑުވެ، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ވަކި ކޮޓަރިއަކަށް ނިދަން ދާން މަޖުބޫރުވެއެވެ. އިންސާނުންނަށް ހަށިގަނޑުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށްޓަކައި ރަނގަޅު ނިދި ކޮންމެހެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނިދީގެ މަރުޙަލާތައް ކޮންމެ 90 މިނެޓަކުން ތަކުރާރުވާއިރު، ފުން ނިންޖަކީ ހަށިގަނޑުގެ ހަކަތަ އާކޮށްދޭ މަރުޙަލާއެކެވެ. ނަމަވެސް ގުގުރީގެ އަޑުން ނިދި ހަލާކުވުމުން، ހަށިގަނޑު ވަރުބަލިވެ، ތިމާގެ ހަނދާނާއި ސަމާލުކަމަށް ބުރޫއަރައި، ހޯމޯންތަކާއި ސްޓްރެސް ކޮންޓްރޯލް ކުރުމަށް ހުރަސްއެޅި ރުޅިގަދަވާ ގޮތް މެދުވެރިވެއެވެ.

މި މައްސަލައިގައި 29 އަހަރުގެ މެގް ވޮރެން ބުނީ، އޭނާގެ ކުރީގެ ބައިވެރިޔާ ގުގުރިދަމާތީ ރޭގަނޑު ހޭލެވުމުން ހެނދުނު ވަރަށް ބޮޑަށް ބޮލަށް ބުރަވެ، ހަށިގަނޑަށް އުނދަގޫވާ ކަމަށެވެ. އަދި 52 އަހަރުގެ ނޫސްވެރިއެއް ކަމަށްވާ އަނާ-ލޫއިސް ޑިއާޑަން ބުނި ގޮތުގައި ގުގުރީގެ އަޑުގަދަ ރޭރޭ އޭނާ ނިދަނީ ވަކި ކޮޓަރިއެއްގައެވެ. ނަމަވެސް އެއް އެނދުގައި ނިދާއިރު ކަންފަތަށް ޖަހާ އިޔަރ ޕްލަގް ބޭނުންކުރުމުން ވަރަށް ބޮޑު ލުޔެއް ލިބޭ ކަމަށް އޭނާ ފާހަގަކުރިއެވެ.

މާހިރުން ވިދާޅުވާ ގޮތުގައި، ގުގުރިދަމާ މައްސަލައަށް އަވަހަށް ފަރުވާ ހޯދަން ޖެހެއެވެ. އެންމެ ފުރަތަމަ ބަލަންޖެހޭނީ އެއީ އާދައިގެ ގުގުރިދެމުމެއްތޯ ނުވަތަ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ސްލީޕް އެޕްނިއާ" ތޯއެވެ. ސްލީޕް އެޕްނިއާގެ ޢަލާމާތްތަކުގެ ތެރޭގައި ނިދީގައި ނޭވާ ހުއްޓުން، ކޮށިއަރައިގެން ހޭލެވުން، އަދި ހެނދުނު ބޮލުގައި ރިއްސުން ހިމެނެއެވެ. މިފަދަ ޙާލަތްތަކުގައި ސީޕެޕް (ސީޕީއޭޕީ) މެޝިން ނުވަތަ އޮޕަރޭޝަން ކުރަން ޖެހިދާނެއެވެ.

އާދައިގެ ގުގުރިދެމުމެއް ނަމަ، ބަރުދަން ލުއިކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ނުކުރުމާއި، އަރިއަކަށް އޮވެ ނިދުމުން ލުއި ލިބިގެންދާނެ ކަމަށް ޑރ. ސައިމަން ވިދާޅުވިއެވެ. މީގެއިތުރުން ޑޮކްޓަރެއްގެ ލަފާގެ މަތިން ނޭފަތުގެ މައްސަލަތަކަށް ފަރުވާކުރުމާއި އަނގައިގައި ލައްވާ ޚާއްޞަ މައުތުގާޑެއް ބޭނުންކުރެވިދާނެއެވެ. ގިނަ ދެމަފިރިން މިކަމަށް ފަރުވާނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ކެތްކޮށްގެން ތިބޭ ކަމަށާއި، ނަމަވެސް އެކަށީގެންވާ ޞިއްޙީ ފަރުވާ ހޯދުމަކީ ދިރިއުޅުމުގެ ފެންވަރާއި ގުޅުމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް މާހިރުން އިރުޝާދު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް