ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް 2013 އިން 2018 އަށް ކުރިއަށްދިޔަ ވެރިކަމަށްވުރެ އަނިޔާވެރި އަދި ޚުދުމުޚުތާރު ވެރިކަމެއް ދެކެވަޑައިގެންފައި ނުވާ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި ޕީއެންސީގެ ޕީޖީ ގްރޫޕަށް ފާޑުވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މުހައްމަދު އިސްމާއީލް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން، އުއްތަމަ ފަނޑިޔާރު ހިމެނޭހެން އެ ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށް، ބެންޗު ބަދަލުކޮށް ވަކިކުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި-ޑިފެކްޝަން ގާނޫނު ފާސްކުރި ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ސިޔާސީ ގޮތުން ބަސްބުނި ހުރިހާ ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގެ އިސްވެރިން ހިފާ ހައްޔަރުކޮށް ބޮޑެތި އަދަބުތައް ދިންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެ ވެރިކަމުގައި ދެ ނައިބު ރައީސުން މަގާމުން ވަކިކޮށް، އޭގެ ތެރެއިން އެކެއްގެ "ބުރަކަށިން ހަންނެގި" ކަމަށެވެ. އަދި ދިވެހި ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތާއި ކޮރަޕްޝަންގެ އަމަލުތައް ހިނގީ ވެސް އެ ވެރިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވީ، އެ ހުރިހާ ކަމެއް ކުރައްވައިގެން ހުންނަވައި، މިއަދު ނުކުމެ "ހުދުކާފޫރަށް" ވާން ރައްޔިތުންނަށް އޮޅުވާލަން ކިތަންމެ ވާހަކައެއް ދެއްކެވި ނަމަވެސް، އެ ދައްކަވާ އެއްވެސް ވާހަކައެއް އަޑުއަހާނެ ރައްޔިތަކު މި ދިވެހި ފަސްގަނޑުގައި ނެތް ކަމަށެވެ.

ރައީސް ޔާމީން ޕީއެންއެފްގެ ޕޯޑިއަމްތަކުގައި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުންނާއި މަޖިލިސް މެންބަރުން ދަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަން ހަނދާންކޮށްދެއްވައި ވަރުގަދަ ރައްދުތަކެއް ދެއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް