މީހަކު ފޯނު ކުޅެނީ
މީހަކު ފޯނު ކުޅެނީ
އަޅުގަނޑުމެންގެ ދުވަހީ ދިރިއުޅުމުގައި އަތުން ފޯނު، ތަށި ނުވަތަ ތަޅުދަނޑި ފަދަ ތަކެތި ކުއްލިއަކަށް ދޫވެގެން ވެއްޓުމަކީ ވަރުބަލިކަމުގެ ސަބަބުން ނުވަތަ ސަމާލުކަން ކުޑަވުމުން ދިމާވާ އާދައިގެ ކަމެއްގެ ގޮތުގައި ގިނަ ފަހަރަށް ބެލެވެއެވެ. ނަމަވެސް، މިފަދަ ކަންކަން ތަކުރާރުކޮށް ހިނގަން ފަށައިފިނަމަ، މިއީ ހަމައެކަނި ފަރުވާކުޑަކަމެއް ނޫންކަމާއި، މައިބަދައިގެ ނާރުތަކަށް ދިމާވާ ސީރިއަސް މައްސަލައެއްގެ ފުރަތަމަ އިންޒާރުގެ ނިޝާނަކަށް ވެދާނެކަމަށް ސިއްހީ މާހިރުން އިންޒާރު ދެއްވައެވެ.

އަތުގެ އިނގިލިތަކާއި ހަރަކާތްތައް ކޮންޓްރޯލް ކުރަނީ ކަރާ ގުޅިފައިވާ މައިބަދައިގެ ތެރެއިން ދަތުރުކުރާ ނާރުތަކުންނެވެ. މި ސަރަހައްދަށް ލިބޭ ގެއްލުމެއްގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމާއި ދިރިއުޅުމުގެ ނޭދެވޭ އާދަތަކުގެ ސަބަބުން މައިބަދައިގެ ޑިސްކު ގުޑުން ފަދަ ހާލަތްތަކުގައި، މައިބަދައިގެ ތެރެއިންލާފައިވާ ނާރުވަޅަށް (ސްޕައިނަލް ކޯޑު) އަށް ފިއްތުން ކުރިމަތިވެއެވެ. މިއަށް ސިއްހީ ގޮތުން ކިޔަނީ "ސާވިކަލް މައެލޯޕަތީ" އެވެ. މިގޮތަށް ނާރަށް ބާރުބޮޑުވުމުން އަތުގެ މަސްތަކާއި ސިކުނޑިއާ ދެމެދު ދަތުރުކުރާ ސިގްނަލްތަކަށް ހުރަސްއެޅި، އަތުގެ ބާރު ދެރަވެ، އަތްފިލާގެ އިހުސާސްތައް ދަށްވާން ފަށައެވެ.

މި މައްސަލަ ފެށިގެން އަންނައިރު އަތުގެ "ފައިން މޯޓޯ ސްކިލްސް" ނުވަތަ ކުދިކުދި ހަރަކާތްތައް ކުރުމަށް އުނދަގޫވެއެވެ. އޭގެ ތެރޭގައި ގަމީހުގެ ގޮށްއެޅުވުން، ލިޔަން އުނދަގޫވުން، އަތުލިޔުން ބަދަލުވުން، ފައިސާ ފޮތި ފަދަ ކުދި ތަކެތި ނެގުމަށް ދަތިވުން އަދި ފޯނުގައި ޓައިޕްކުރަން އުނދަގޫވުން ހިމެނެއެވެ. މީގެއިތުރުން، އަތުގައި އެއްޗެހި ހިފަހައްޓައިގެން ހުންނަ ގްރިޕް ދެރަވެ، ބޭއިޚްތިޔާރުގައި އަތުން ތަކެތި ދޫވެގެން ވެއްޓޭ ގޮތް މެދުވެރިވެއެވެ.

ބަލި އިތުރަށް ބޮޑުވަމުންދާ ވަރަކަށް އޭގެ އަސަރު ހަށިގަނޑުގެ އެހެން ގުނަވަންތަކަށްވެސް ފޯރައެވެ. އެގޮތުން އަތާއި އިނގިލިތައް އައްސިވުމާއި، ކަށިޖަހާ ފަދަ އިހުސާސެއް ވުމާއި، ހިނގާއިރު ބެލެންސް ނުހިފެހެއްޓި، އަރިއަޅައިގެންދާ ގޮތް ވުން ފަދަ ކަންކަން ދިމާވެއެވެ. ގިނަ ފަހަރަށް މި އަލާމާތްތައް ފެންނަނީ ކަރަށް އެއްވެސް ތަދެއް ނުވެ ކަމަށްވާތީ، މިއީ މައިބަދައިގެ މައްސަލައެއްކަން ގިނަ މީހުންނަށް ދެނެގަންނަން އުނދަގޫވެ، ޑޮކްޓަރަށް ދެއްކުން ލަސްވެއެވެ.

ނާރުތަކަށް ދާއިމީ ގެއްލުން ލިބި، އަތާއި ފައިގެ ވާގިނެތުން ނުވަތަ ޕެރަލައިޒް ވުމުގެ ނުރައްކާ އޮވެއެވެ. އެހެންކަމުން، އަތުން ތަކެތި ވެއްޓޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެއްޖެނަމަ، ލަސްނުކޮށް ނިއުރޮލޮޖިސްޓަކަށް ނުވަތަ ސްޕައިން ސްޕެޝަލިސްޓަކަށް ދައްކައި، އެމް.އާރު.އައި ސްކޭނެއް ހަދައިގެން ދުރާލާ ފަރުވާ ހޯދުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު