މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން އިންކަމް ޓެކްސް ދައްކަނީ 23،098 މީހުން ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ އަހަރު ނިމުނުއިރު އިންކަމް ޓެކްސް ދެއްކުމަށްޓަކައި ޖުމްލަ 86،637 ޓެކްސްޕޭޔަރުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެ ތެރެއިން 60،489 އަކީ ވަކިވަކި ފަރުދުންނެވެ.

މި ރިޕޯޓް ދައްކާ ގޮތުގައި، ޓެކްސް ދައްކަން ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން ޓެކްސް ދައްކަނީ 23،098 މީހުންނެވެ. އަދި ބާކީ ތިބި އެންމެންނަކީ އަމިއްލަ ވިޔަފާރިކޮށްގެން ބޮޑު އާމްދަނީއެއް ލިބޭތީ ޓެކްސް ދައްކާ މީހުން ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަމިއްލަ ފަރުދުންގެ އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 172 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފެށި 2020 ވަނަ އަހަރު އަމިއްލަ ފަރުދުންގެ އަތުން ލިބިފައިވަނީ 41 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު އިންކަމް ޓެކްސްގެ ހުރިހާ ދާއިރާއަކުން ދައުލަތަށް ޖުމްލަ 5.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އަމިއްލަ ފަރުދުންގެ އަތުން ލިބިފައިވަނީ އެންމެ ތިނެއް އިންސައްތައެވެ.

މަހެއްގެ މައްޗަށް 60،000 ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ 60،000 އަށް ވުރެ ގިނަ މީހުން ތިބިކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކާއިރު، އަންނަ އޮކްޓޫބަރު މަހުން ފެށިގެން އިންކަމް ޓެކްސް ދައްކަންޖެހޭ މިންވަރަށް އާމްދަނީ ލިބޭ މީހުންނަށް އާސަންދައިގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކޯޕޭ ނުވަތަ ޕްރީ ޕޭ ނިޒާމެއްގެ ތެރެއިންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް