ޒަކާތް ދެއްކުން
ޒަކާތް ދެއްކުން
ވޭތުވެދިޔަ އަހަރާ އަޅައިބަލާއިރު 27 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު، މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ އޮގަސްޓު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 104.4 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 82.1 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ބޮޑު އިތުރުވުމެކެވެ.

ވަކިވަކި މަސްތަކަށް ބަލާއިރު، ނިމިދިޔަ އޮގަސްޓު މަހު އެކަނިވެސް މުދަލު ޒަކާތުގެ ގޮތުގައި 7.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް، މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ލިބުނު 8.5 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ކުޑަ ދަށްވުމެކެވެ.

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، ޝަރުއީ ހަމަތަކުގެ މަތިން އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާއަށް ހިޖުރީ ގޮތުން އެއް އަހަރު ފުރުމުން އޭގެ 2.5 އިންސައްތަ (ސާޅީސްބައިކުޅަ އެއްބައި) ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ. މިހާރު ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 19،266.10 ރުފިޔާއެވެ.

މޯލްޑިވްްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި މުދަލު ޒަކާތް ނަގަން ފެށިފަހުން އެންމެ ރެކޯޑު އަދަދަކަށް ޒަކާތް ލިބިފައިވަނީ މިދިޔަ އަހަރުގައެވެ. އެގޮތުން 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޒަކާތުގެ ގޮތުގައި 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެމުން އަންނައިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 107.21 މިލިއަން ރުފިޔާއަށް އަރައިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް