ރޮނަލްޑޯ އާއި ޖޮޓާ
ރޮނަލްޑޯ އާއި ޖޮޓާ
ކާރު އެކްސިޑެންޓެއްގައި ދާދިފަހުން ނިޔާވި ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޖޮޓާގެ ހަނދާނަށް ހުތުރުވާގޮތަށް އަދި އޭނާގެ ގާތް އެކުވެރިޔާ ރޫބެން ނެވޭސްއަށް އަމާޒުކޮށް އަޑުއުފުލި ސަޕޯޓަރުން ދަނޑުތަކަށް ނުވަދެވޭ ގޮތަށް އުމުރަށް ސަސްޕެންޑް ކުރުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގޮވާލައިފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 28 އަހަރުގައި ޖޮޓާ ނިޔާވިއިރު، އޭނާއާއި ނެވޭސްއަކީ ވުލްވްސް އަދި ޕޯޗުގަލްގެ ގައުމީ ޓީމުގައި އެކުގައި ކުޅެފައިވާ ވަރަށް ގާތް ދެ އެކުވެރިންނެވެ. ނަމަވެސް، ސައުދީ ޕްރޯ ލީގުގައި ނެވޭސް ކުޅޭ އަލް-ހިލާލް އަދި އަލް-ތާއޫން ބައްދަލުކުރި މެޗުގައި، އިދިކޮޅު ސަޕޯޓަރުން ވަނީ ނެވޭސްއަށް އުނދަގޫކުރުމުގެ ގޮތުން "ޖޮޓާ" ގެ ނަމުން ގޮވައި މަލާމާތްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ނުރުހުން ފާޅުކުރަމުން ރޮނާލްޑޯ ސޯޝަލް މީޑިއާގައި ބުނީ، މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގާ ސަޕޯޓަރުންނާ މެދު ލީގުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މިއީ ފުޓުބޯޅައިގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށާއި، މިފަދަ އަމަލުތައް ކުރާ މީހުން ދުވަހަކުވެސް ދަނޑަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

ޖޮޓާގެ ހަނދާނުގައި ނެވޭސް މިހާރު ޕޯޗުގަލް ގައުމީ ޓީމުގައި ބޭނުންކުރަމުން އަންނަނީ ޖޮޓާ ކުރިން ބޭނުންކުރި 21 ނަންބަރު ޖާޒީއެވެ. މީގެއިތުރުން އޭނާގެ ފައިގައި ވަނީ ދެމީހުން އެކުގައި ބައްދާލައިގެން ތިބޭ މަންޒަރު ދައްކުވައިދޭ ޓެޓޫއެއްވެސް ޖަހާފައެވެ. މެޗަށްފަހު ވާހަކަދައްކަމުން ނެވޭސް ބުނީ، އެފަދަ ހަޑިމުޑުދާރު އަމަލެއް ކުރުމަށްފަހު އެ ސަޕޯޓަރުން އަޅުކަންކުރަން ނުދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ސްޕެއިންގައި ހިނގި އެކްސިޑެންޓެއްގައި ޖޮޓާއާއި އޭނާގެ ކޮއްކޯ އަަންދްރޭ ސިލްވާ ނިޔާވުމަކީ ފުޓުބޯޅަ ދުނިޔެއަށް ލިބުނު ބޮޑު ހިތާމައެކެވެ. ލިވަޕޫލަށް 182 މެޗުން 65 ލަނޑު ޖަހައިދީފައިވާ ޖޮޓާ ވަނީ ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 49 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް