ނަޑެއްލާގައި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން-
ނަޑެއްލާގައި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން-
ގދ. ނަޑެއްލާއާއި އެ އަތޮޅު ހޯނޑެއްދޫގައި އައު މިސްކިތް ބިނާކުރުމުގެ މަޝްރޫޢު އަމިއްލަ ދެ ކުންފުންޏަކާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ.

ނަޑެއްލާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަންއާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޙަސަން ފަޔާޒެވެ. ދަޢުލަތުގެ ބަޖެޓުން 10.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ހޯނޑެއްދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ޙަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސްއާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުޙައްމަދެވެ. މި މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރި މަޝްރޫޢެކެވެ.

މި ދެ ރަށުގައިވެސް ޢިމާރާތްކުރާ މިސްކިތްތަކުގައި ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން، އިމާމު ކޮޓަރިއާއި، ލައިބްރަރީ އަދި ޤުރުއާން ކުލާސް ހިންގާނެ ޖާގަ މި މިސްކިތްތަކުގައި ހިމެނެއެވެ.

ހަމައެއާއެކު، މި ދެ މިސްކިތަކީވެސް ފުރިހަމައަށް އޭސީ ކުރެވި، އަދި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ސިސްޓަމް ހަރުކުރެވިގެންދާނެ ދެ މިސްކިތް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.\



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް